ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި ހަކުރު ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި އިންތިހާއަށް އިތުރުވެފަ އެވެ.

1990 ވަނަ އަހަރު ދުނިޔޭގައި 200 މިލިއަން މީހުންނަށް ހަކުރުބަލި ޖެހިފައި ވާއިރު، 2022 ވަނަ އަހަރާ ހަމައަށް އައިއިރު މި އަދަދު ވަނީ 830 މިލިއަނަށް އަރާފަ އެވެ.

މީގެ ތެރެއިންވެސް އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، ހަކުރު ބަލި ހުންނަ މީހުންގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނަ މީހުންނަށް އެމީހުންގެ ހަށިގަނޑުގައި މި ބަލި ހުރިކަން ނޭނގޭ ކަމެވެ.

ނޭނގި ހުރެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް!

ލޭގައި ހަކުރު ހުންނަ މިންވަރު މަތިކޮށް ހުރެ، އެކަމަށް ފަރުވާނުދެވި އުޅޭނަމަ، އެއްވެސް އަލާމާތެއް ނުފެނި އަހަރުތަކެއް ވަންދެން ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދެ އެވެ. ޑަބްލިއުއެޗްއޯއިން ފާހަގަކުރާ ގޮތުގައި ހަކުރުބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި:

  • ހިތުގެ ބަލިތަކާއި ސްޓްރޯކް: ހަކުރުބަލި ހުންނަ މީހުންނަށް ހާޓް އެޓޭކް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ދެ ގުނައަށް އިތުރުވެ އެވެ.
  • ކިޑްނީ ފެއިލްވުން: ލޭގައި ހަކުރު މަތިކޮށް ހުރުމަކީ ކިޑްނީގެ މަސައްކަތް ހުއްޓުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.
  • ލޮލުގެ ފެނުން ފުސްވުން: ލޮލުގެ ނާރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން މީހާގެ ފެނުން މުޅިން އަނދިރި ވުމުގެ ނުރައްކާ އޮވެ އެވެ.
  • ފައި ބުރި ކުރަން ޖެހުން: ނާރުތަކާއި ލޭހިނގުމަށް ބުރޫ އެރުމުގެ ސަބަބުން ފައިގައި އުފެދޭ ފާރުތައް ރަނގަޅުނުވެ، ފައިގެ ބައެއް ބުރި ކޮށްލަންޖެހޭ ހާލަތްތައް މެދުވެރިވެ އެވެ.

ފާހަގަކުރެވޭނެ އަލާމާތްތައް

ޓައިޕް 2 ހަކުރު ބައްޔަކީ މުޅި ދުނިޔޭގައިވެސް ހަކުރު ބަލީގެ ކޭސްތަކުގެ 95 އިންސައްތައަށްވުރެ ގިނަ ބަޔަށް ޖެހޭ ބާވަތެވެ. މި ބަލީގެ އަލާމާތްތައް ފެށޭއިރު ވަރަށް ކުދިކުދި އަލާމާތްތައް ފެންނާތީ، ގިނަ މީހުންނަށް އެއީ ބައްޔެއްގެ އަލާމާތެއްކަން ވެސް ނޭނގެ އެވެ. ފާހަގަކޮށްލެވޭ އަލާމާތްތަކުގެ ތެރޭގައި:

  • އާދަޔާ ހިލާފަށް ގިނައިން ކުޑަކަމުދެވުން
  • ގިނަގިނައިން ކަރުހިއްކުން
  • ވަރުބަލިކަން އިހުސާސްވުން
  • ސަބަބެއް ނޭނގި ބަރުދަން ލުއިވުން
  • ލޮލުގެ ފެނުން ނުސާފުވުން

އުމުރުން 30 އަހަރުން މަތީގެ ކޮންމެ މީހަކު ވެސް ގަވާއިދުން ލޭގައި ހަކުރު ހުރި މިންވަރު ޓެސްޓު ކޮށްލުމަކީ ސިއްހީ މާހިރުން އިރުޝާދުދޭ ކަމެކެވެ.

ރައްކާތެރިވުމާއި ބަލި ކޮންޓްރޯލްކުރުން

ޓައިޕް 1 ހަކުރުބައްޔަކީ ރައްކާތެރިވެވޭ ބައްޔަކަށް ނުވިނަމަވެސް، ޓައިޕް 2 ހަކުރުބައްޔަކީ ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ބަދަލުތަކުން ރައްކާތެރިވެވޭ އަދި ކޮންޓްރޯލް ކުރެވޭ ބައްޔެކެވެ.

  1. ކަސްރަތު ކުރުން: ހަފްތާއަކު މަދުވެގެން 150 މިނެޓު މެދުކެނޑުމެއްނެތި އާދައިގެ ވަރަކަށް ކަސްރަތު ކުރުން (މިސާލަކަށް ހިނގުން).
  2. ސިއްހަތަށް ފައިދާހުރި ކާނާ: މީރުކޮށްފައިވާ ހަކުރާއި ސެޗުރޭޓެޑް ފެޓް މަދުކޮށް، ތަރުކާރީއާއި މޭވާ އަދި ހޯލް ގްރެއިން ބޭނުން ކުރުން.
  3. ބަރުދަން ހިފެހެއްޓުން: ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުން.
  4. ދުންފަތުގެ އިސްތިއުމާލު ނުކުރުން: ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހިތުގެ ބަލިތަކާއި ހަކުރުބަލީގެ ނުރައްކާ ބޮޑުކުރާ ކަމެކެވެ.

ބަލި ހުރިކަން އެނގިއްޖެނަމަ، ޑޮކްޓަރުގެ އިރުޝާދާއެކު ގަވާއިދުން ބޭސް ބޭނުން ކުރުމާއި، ލޭގެ ހަކުރާއި ލޭގެ ޕްރެޝަރު އަދި ކޮލެސްޓްރޯލް މޮނިޓާ ކުރުމުން، ބަލީގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތަކުން ރައްކާތެރިވެވޭނެ އެވެ.