މި ދައުރުގެ ތެރޭގައި ސިންގަޕޫރުގައި ހުންނަ ފެންވަރުގެ ބައިނަލްއަގުވާމީ އިންޑޯ ގޯ ކާޓް އެރީނާއެއް ރާއްޖޭގައި އަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ގޯ ކާޓް އެރީނާއެއް ބިނާކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މީގެ އިތުރުން ސަލްޓަން ޕާކުގައި އިންޑޯ ގޭމިން ސެންޓަރެއް ހެދުމާއި، ހުޅުމާލެ ފޭސް 1 ގައި އިންޑޯ ބޯލިން އެރީނާއެއްގެ އިތުރުން އިންޓަނޭޝަނަލް ފެންވަރުގެ ރޭސިން، ޑްރިފްޓިން، ސާފިން، ނެޓްބޯލް އަދި ފުޓްސަލް ކޮމްޕްލެކްސްތައް ގާއިމުކުރުމަށް ވަނީ ރޭވިފަ އެވެ.

އެހެންނަމަވެސް ސަރަހައްދީ ހަނގުރާމައިގެ ސަބަބުން ކުޅިވަރު މަޝްރޫއުތައް ފެށުން ހަ މަހެއްހާ ދުވަހަށް ލަސްވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެ މަސައްކަތްތައް މިހާރު އަލުން ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމައެއާއެކު ރާއްޖޭގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތަކާއި ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތައް އަންނަ އަހަރަށް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި 2،000 އަށްވުރެ ބޮޑު އާބާދީތަކާއި ހުޅުމާލެއާއި ވިލިމާލެ ހިމެނޭ ގޮތަށް 25 ރަށެއްގައި 1،200 މީހުންގެ ޖާގައިގެ ސްޕޯޓްސް ކޮމްޕްލެކްސްތައް ބިނާކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މީގެ ތެރެއިން 15 ރަށެއްގެ މަސައްކަތް މިހާރު ވަނީ ހަވާލުކުރެވިފަ އެވެ.

އެމަނިކުފާނު ޔަގީންކަން ދެއްވި ގޮތުގައި، މި ދައުރު ނިމޭއިރު ވައުދުވެވަޑައިގެންފައިވާ ހުރިހާ ކުޅިވަރު މަޝްރޫއުތަކެއް އަމަލީ ގޮތުން ނިންމާލެވޭނެ އެވެ.