އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މަސައްކަތްކުރައްވަނީ އިދިކޮޅު އެމްޑީޕީގެ އޯޑަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތުތައް ކޮމިޝަނަރު މިއަދު ދޮގުކުރައްވައިފި އެވެ.
"އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އާހިދު ވިދާޅުވީ މިހާތަނަށް ކޮމިޝަނަރުގެ މަގާމުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައި، އިންޒާރެއް ދީފައި ނުވާ ކަމަށާއި މަސައްކަތްކުރައްވަނީ ފުރިހަމަ މިނިވަންކަމާއި މުސްތަގިއްލުކަމާއެކުގައި ކަމަށެވެ.
އާހިދު ވިދާޅުވިގޮތުގައި، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރެވުނު ދުވަހުން ފެށިގެން އޭނާގެ އެންމެ ބޮޑު އަސާސަކީ އެއްވެސް ފަރާތަކަށް ބުރަނުވެ، ހަމަހަމަކަން ގާއިމުކުރުމެވެ. އަދި އޭނާ މަސައްކަތްކުރައްވާ ގޮތް ދަންނަ ފަރާތްތަކަށް އެކަން ވަރަށް ސާފުކޮށް އެނގޭނެކަމަށާއި، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހިފައިވާކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ އެއްގޮތަށް ކަމަށެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅު ފަރާތެއް ކަމަށާއި، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަށް އޭނާއަށް އޯޑަރު އަންނަ ކަމަށެވެ. މިފަދަ ތުހުމަތުތަކެއް ރައީސް ކުރައްވާފައިވާއިރު، ގާނޫނާ ހިލާފަށް މައުލޫމާތު ހާމަނުކޮށްގެން ރައީސް އޮފީހާ ދެކޮޅަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ގިނަ މައްސަލަތަކެއް ބަލައި، ބައެއް ހާލަތްތަކުގައި ޖޫރިމަނާވެސް ކޮށްފަ އެވެ.
އަދި ރައީސް އޮފީހުން ހިފަހައްޓާފައިވާ މައުލޫމާތުތަކެއް ދޫކުރުމަށްވެސް ކޮމިޝަނަރު ވަނީ އަންގަވާފަ އެވެ. ނަމަވެސް މީގެ ތެރެއިން ގިނަ އެންގުންތަކަށް ރައީސް އޮފީހުން ވަނީ އަމަލުކުރަން ދެކޮޅުހަދާފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ އެންމެ ފަހުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، ފާއިތުވި އަހަރު އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ރައީސް އޮފީހާ ދެކޮޅަށެވެ. އެގޮތުން އެ އޮފީހާ ގުޅޭ 64 މައްސަލައެއް ބަލާފައިވެ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އާހިދުގެ ދައުރު އަންނަ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހަމަވާއިރު، އެ މަގާމަށް ދެން ބޭފުޅަކު އައްޔަނުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެ އެވެ.
ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހުން ޖޫރިމަނާކޮށްފި
އެޕޯލޯ ކްރިސްޓަލް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
