ހުޅުމާލެ ފޭސް 1 ގައި ހުންނަ އެޕޯލޯ ކްރިސްޓަލް ބިލްޑިންގުގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ރޯވި އަލިފާން ނިއްވާލައިފި އެވެ.
އަލިފާން ރޯވީ އެ އިމާރާތުގެ 8 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ހުރި ލަކުޑިތަކެއްގަ އެވެ.
އެޕޯލޯ ކްރިސްޓަލް ބިލްޑިންގުގެ އެޕާޓްމަންޓަކުން ދުން އަރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 1:57 އެހައިކަންހާއިރު އެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުންގެ ޓީމެއް ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށިއެވެ. ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ދުން އަރަމުންދަނީ އެ އިމާރާތުގެ 8 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންކަން ވަނީ ދެނެގަނެވިފަ އެވެ.
އެ ވަގުތު އެޕާޓްމަންޓުގެ ދޮރު ތަޅުލާފައި ހުރުމުގެ ސަބަބުން، އެ ސަރަހައްދުގައި ތިބި އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެފަ އެވެ. އަދި އެޕާޓްމަންޓުގެ އެތެރޭގައި ރޯވެފައި ހުރި އަލިފާންގަނޑު ވަގުތުން ނިއްވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގި ވަގުތު އެޕާޓްމަންޓުގެ ތެރޭގައި އެއްވެސް މީހަކު ނެތުމުގެ ސަބަބުން، ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި ހާދިސާގައި އަލިފާން ރޯވެފައި ހުރީ އެޕާޓްމަންޓުގެ ބެލްކަނީގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގަ އެވެ. ނަމަވެސް، އެ ލަކުޑިތަކުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
ކޭޝިއަރުންގެ ވަޒީފާއަށް ދިވެހީންނަށް އިސްކަންދެވޭ ގޮތް ހަދަނީ
"ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރަކު ވަނީ ފެއިލް"
