ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގައި ލިބުނު އަނިޔާތަކަށް އިތުރު ފަރުވާއަށް މިއަދު އެމަނިކުފާނު ޖަރުމަންވިލާތަށް ފުރަވަޑައިގަންނަވައިފި އެވެ.
މިހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑިކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފަ އެވެ. 16 ގަޑިއިރުގެ ހަތަރު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ޖަރުމަންވިލާތަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ރައީސް ނަޝީދު ދިޔައީ ވަރުގަދަ ސެކިއުރިޓީއަކާ އެކު ގައެވެ. އަދި މަގުމަތީގައި ގިނަ އަދަދެއްގެ ސިފައިން ހަތިޔާރާއެކު ވަނީ ހަރަކާތެރިވެފަ އެވެ.
މަޖިލީހުގެ ރައީސް ނަޝީދު ޖަރުމަންވިލާތައް ދަތުރުކުރައްވަނީ ޕްރައިވެޓް ޖެޓެއްގަ އެވެ.
އެމަނިކުފާނުގެ އަރިހުގައި ޖަރުމަނަށް ވަޑައިގަންނަވަނީ އާއިލާގެ ކޮންކޮން ބޭފުޅުންނެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އާއި ބޭފުޅުން ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ.
ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާގައި ބައިވެރިވަކަމުގެ ތުހުމަތު ކުރެވޭ ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މިއީ ހަރުކަށިފިކުރާ ގުޅޭ ބައެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.