މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯދުމަށް ޖަރުމަނަށް ދިޔުމަށާއި ބޭސް ފަރުވާގެ ހުރިހާ ހަރަދެއް ކުރަނީ އެ ގައުމުގެ ސަރުކާރުން ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.
އިތުރު ފަރުވާއަށް ޖަރުމަނަށް މިއަދު ނަޝީދު ފުރާވަޑައިގެންނެވިކަން ހާމަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މަނިކުފާނު ޖަރުމަނަށް ފުރާވަޑައިގަތީ އެއާ އެމްބިއުލާންސެއްގައި ކަމަށެވެ. އަދި ދަތުރުކުރެއްވި އެއާ އެމްބިއުލާންސްގެ ޚަރަދާއި ޖަރުމަނުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދު ހަމަޖައްސަވާފައި ވަނީ ޖަރުމަންގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސަލް ކްރިސްޓިއަން ވޮން ސްޓެޓިން މެދުވެރިކޮށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަރުމަންގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަން ސަރުކާރުން ކަމަށެވެ.
އެ ބަޔާނުގައި ވަނީ ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ފިނޑި ޓެރަރިސްޓް ހަމަލާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއާއި މަޖިލީހުގެ ހުރިހާ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނާ ބުނުން ތަކުރާރުކޮށްފަ އެވެ.
ރައީސް ނަޝީދު އަރިހުގައި އެމަނިިކުފާނުގެ އާއިލީ ބޭފުޅުން ކަމަށްވާ ފާތިނާ އަބްދުލް ހަކީމް އާއި އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ވަޑައިގެންނެވި އެވެ. ނަޝީދު ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވި ނަމަވެސް އެނބުރި ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގޭ ކަމަށް އާއިލާއިން ބުންޏެވެ.
ރައީސް ނަޝީދު ފުރާވަޑައިގެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވުމަށް ނިކުންނެވިއިރު، އެމަނކުފާގެ ސަލާމަތީ ކަންކަން އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ. އެ މަނިކުފާނަށް އެއާޕޯޓަށް ވަޑައިގެންނެވީ އެމްއެންޑީއެފްގެ ހާއްސަ މޮޓޯކޭޑެއްގަ އެވެ. އަދި އެއާޕޯޓަށް ދަތުރުކުރެއްވި މަގުތަކުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަމުންގެންދިޔަ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބި، އޭޑީކޭ ހޮސްޕިޓަލުގައި ގިނަ އޮޕަރޭޝަންތަކެއް ކުރައްވަން ޖެހިވަޑައިގެންނެވި އެވެ.
މިހަމަލާ އާ ގުޅިގެން ތިން މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަަ އެވެ. ތިން މީހުނާ ހަމައިން މިމައްސަލަ ނުނިންމަވާނެ ކަމަށާއި މީގެ އެންމެ ފުންމިނަށް ދަތުރުކޮށް މިމައްސަލާގައި ބައިވެރިވެފައިވާ އެންމެންނަށް އަބަދު ދެވިގެންދާނެ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.