އިތުރު 1.216 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 1،013 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 201 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން އެކަކު އަދި ސަފާރީއަކުން ވެސް އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ ކޭސްތަކުގެ ތެރެއިން 836 ކޭސް އަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުގެ ނަތީޖާ އެވެ. ދެން ހުރީ އޭގެ ކުރިން އެކި ދުވަހު ނެގި ސާމްޕަލްތަކެކެވެ.

މި ބަލި ޖެހިފައިވާ 259 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 87 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުންދާތީ ގދ. ތިނަދޫ، ފ. ނިލަންދޫ، ލ. ގަން، އދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި، ޅ. ނައިފަރު. ކ. މާފުށި، ބ. އޭދަފުށި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.