ގިނަ ދުވަސްވީ ސާމްޕަލްތަކާ އެކު މިއަދު ވެސް އިތުރު 1،467 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 1،267 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 182 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން އެކަކު އަދި ސަފާރީއަކުން ވެސް އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ ކޭސްތަކުގެ ތެރެއިން 939 ކޭސް އަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުގެ ނަތީޖާ އެވެ. ދެން ހުރީ އޭގެ ކުރިން އެކި ދުވަހު ނެގި ސާމްޕަލްތަކެކެވެ.

މި ބަލި ޖެހިފައިވާ 290 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 91 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުންދާތީ ގދ. ތިނަދޫ، ފ. ނިލަންދޫ، ލ. ގަން، އދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި، ޅ. ނައިފަރު. ކ. މާފުށި، ބ. އޭދަފުށި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.