ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އޮންނަކަން ގަބޫލުކުރައްވާ ކަމަށާއި އެ ބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެނީ ބައެއް ނޫސްތަކުގައި ޖަހާ ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ޕަބްލިކް ސާވިސް މީޑިއާ މެދުވެރިކޮށް ގެނެސްދިން "އިގްތިސޯދުގެ ދެ ފަރާތް" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
މި ފޯރަމް ބޭއްވީ ދައުލަތުގެ މީޑިއާގެ ސޫޑިއޯގަ އެވެ. މިއީ އިގްތިސޯދީ ދާއިރާގެ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ހާއްސަ ޕްރޮގްރާމެކެވެ.
ސައީދު ވިދާޅުވީ ޑޮލަރުގެ އަގު އެއް ދުވަހު އުޅެނީ 21 ރުފިޔާއަށް އަދި އަނެއް ދުވަހު 22 ނުވަތަ 23 ރުފިޔާއަށް ކަމަށް އަޑުއިވިވަޑައިގަންނަވާ ކަމަށެވެ. ބައެއް ނޫސްތަކުގެ ސުރުހީތަކުގައި ހެނދުނު ހޭލާއިރު އެ ދުވަހެއްގެ ރޭޓަކީ 22 ރުފިޔާ ކަމަށް ލިޔެފައި ހުންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ސިފަކުރެއްވި ގޮތުގައި ނޫސްތަކުން އެފަދަ ސުރުހީތައް ޖަހަނީ ބާޒާރުގައި ބިރުވެރިކަން އުފައްދައި، ދޮގު ހަބަރު ފަތުރައިގެން އަގުތަކަށް ބަދަލު ގެނައުމަށެވެ. އަދި ކުޑަ އިގްތިސޯދެއްގައި އެފަދަ ކަންކަން ކުރުމުން އޭގެ ނޭދެވޭ އަސަރު މުޅި އިގްތިސޯދަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފޯރަމްގައި ވާހަކަދައްކަވަމުން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އޮތްކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ ޑޮލަރުގެ ވިޔަފާރީގެ ބޮޑު އިންސައްތައެއް ކޮންޓްރޯލު ކުރަނީ އެ ބާޒާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މަނިޓަރީ ސިޔާސަތު ޒަމާނީ ގޮތަކަށް ބަދަލުކޮށް، އެއް ފައިސާއެއް ބޭނުންކުރާ އިގްތިސޯދަކަށް ބަދަލުވާން ޖެހޭ ކަމަށް ފިރާގު ފާހަގަކުރެއްވި އެވެ. ރާއްޖޭގައި ޑޮލަރު ހުރި ކަމަށާއި ރަސްމީ ރޭޓުގައި ނުލިބުނު ނަމަވެސް، ބޮޑު އަގުގައި ޑޮލަރު ގަންނަން ވިޔަފާރިތަކަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިރާގު ވިދާޅުވި ގޮތުގައި 35 އިންސައްތައިގެ އިތުރު އަގަކާއެކު ނުއަގުގައި ބޭނުން ވަރަކަށް ޑޮލަރު ގަންނަން ލިބެއެވެ. އެކަމާ ގުޅިގެން މިނިސްޓަރު ސައީދު ވަނީ އެގޮތަށް އަގުތައް ބޮޑުވާ ކަމަށް ނޫސްތަކުން ބުނުމުން ބާޒާރުން އެކަމަށް އިޖާބަދޭނެތޯ ސުވާލު ކުރައްވައި، އެއީ ޒިންމާދާރު ގޮތެއްތޯ އެއްސެވި އެވެ.
ބޮޑު އަގުގައި ބޭރު ފައިސާގެ ވިޔަފާރި ކުރުމަކީ ބައެއް ގައުމުތަކުގައި ގާނޫނީ ކުށެއް ކަމަށް ފިރާގު ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސޯދު ފުޅާވެފައިވީ ނަމަވެސް، އެކަމަށް ސަޕޯޓުކުރާ ވަރަށް ގާނޫނުތައް ހެދިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ހުރި ޑޮލަރު ބޭނުންކުރަނީ ހަމައެކަނި ދިވެހިން ނޫންކަމާއި، އިގްތިސޯދުން ބޭރަށް ފައިސާ ލީކުވާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ފިރާގު ވިދާޅުވި އެވެ. ނުގަވައިދުން ވިޔަފާރިކުރާ ބޭރު މީހުން އުޅޭކަން ފާހަގަކުރައްވައި، މުޅި މާލީ ނިޒާމު އެއް އުސޫލަކުން ހިނގާ ސިސްޓަމަކަށް ވަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފޯރަމްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީ ވެސް ވަނީ ވާހަކަދައްކަވައިފަ އެވެ. ޑޮލަރުގެ އަގު އުފުލޭ ގޮތަށް ހަބަރުތައް ގެނައުމަކީ މުޅި އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާއެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރި ކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށެވެ. މިއަދުގެ ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 22 ރުފިޔާއަށް ވުރެ މަތީގަ އެވެ.
"ތަހުގީގުގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅު އަޅައިފިން"
ކަނޑުއޮޅިން މައިންތައް ސާފުކޮށް އެއްކޮށް ހުޅުވާލައިފިން: ޓްރަމްޕް

ފިރާގު ވިދާޅުވިހެން ކިތަންމެ ބައިވަރު ވެސް ގަންނަން ލިބޭ. އަސްލު މައްސަލަޔަކީ ގާނޫނު. ފިހާރަ ހަދައިގެން ބުލެކު މާކެޓްގަ ފާޅުކަން ބޮޑު ގޮތުގަ ޑޮލަރު ވިއްކަމުންދާއިރު ފެންނަ މީހަކު ނެތް
ރިޕްލައި