ރާއްޖެއަށް އަންނަ ހުރިހާ ޓޫރިސްޓުންނަށް ހާއްސަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހޫނު މަރުހަބާއެއް މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ރާއްޖޭގެ ޓޫރިޒަމް ކާމިޔާބު އެއްޗަކަށް ހެދުމަށް ވަކި ވަކި ފަރުދުންނާއި ޖަމާއަތްތަކުން ކުރި މަސައްކަތަށް އެ މަނިކުފާނު ތަހުނިޔާ ދަންނަވާ ކަމަށެވެ.

"ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަންމުންދާއިރު، ރާއްޖެއަށް ޒިޔާރަތް ކުރާ ކޮންމެ ފަތުރުވެރިއަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން". ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗް މަހުގެ 27ން ފެށިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ މިދިޔަ ޖުލައި 15ގަ އެވެ. އޭގެ ފަހުން ރާއްޖެއަށް ޓޫރިސްޓުން މަދުމަދުން އަންނަން ވަނީ ފަށައިފަ އެވެ. އެއާއެކު މިއަހަރުގެ މިހާތަނަށް އައީ 402،089 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އައީ 16،405 ޓޫރިސްޓުންނެވެ.