މި ސަރުކާރުން އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށްފައިވާ ސަވާހިލި އަލުން އަނބުރާ ހޯދައި އެ ސިޓީގެ ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫގެ ބިމުގެ ނަފާ އެ ސިޓީގެ ރައްޔިތުންނަށް ލިބޭ ގޮތަށް ސަވާހިލި އަލުން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނެއް ފާސްކޮށްގެން ވިޔަސް އަދި އެ ނޫން ގޮތަކުން ވިޔަސް، ރާއްޖޭގެ އެއްވެސް ރަށަކުން ރައްޔިތުންގެ އަތުގައިވާ ބިންތައް އަތުލައިފި ނަމަ އެ އަތުލި އަތުލުން އެމްޑީޕީގެ ސަރުކާރެއްގައި ބަދަލުކޮށް، އެ ބިންތައް އަލުން ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ތަރައްގީކުރުމަށް އިއުލާނުކޮށްފައިވާ ސަވާހިލި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން އެ ސިޓީގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނަގާފައިވަނީ އެ ރަށް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށެވެ. އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވަނީ ސަވާހިލި އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި އެ ރަށް އައްޑޫގެ އިހުތިސާސުން ވަކިކުރީ ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ހިމަނާފައެއް ނުވެ އެވެ. ސަވާހިލި އިހުތިސާސުން ވަކިކުރުމާ ގުޅިގެން އައްޑޫގެ ރައްޔިތުންނާއި ކައުންސިލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.