ކުރީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާކަމުގެ މައުލޫމާތު ލިބިގެން ސިފައިންނަށް ރިޕޯޓް ކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ފުލުހުންގެ ތަހުގީގަށް މިއަދު ބަޔާން ދެއްވައިފި އެވެ.

އިލްޔާސްއަކީ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މެންބަރުންގެ ތެރޭގައި ވެސް ހިމެނޭ މެމްބަރެކެވެ.

އިލްޔާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމަށް އާންމު މީހެއްގެ ފަރާތުން މައުލޫމާތު ލިބުމާއެކު، އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ދެއްވާފައި ވާނެ އެވެ.

އެ ބަޔާނުގައި އޭނާ ވަނީ ތަހުގީގަށް އެއްބާރުން ދެއްވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ފުލުހުންނަށް ބަޔާން ދެއްވި ކަމަކަށް ވިދާޅެއް ނުވެ އެވެ. ފުލުހުންނަށް އޭނާ މިހާރު ބަޔާން ދެއްވާފައިވާ ކަމަށް ރިޕޯޓުކުރީ އޮންލައިން ނޫހަކުންނެވެ.

އިއްޔެ އިލްޔާސް ނެރުއްވި އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު، ވަގުތުން ނަޝީދަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު މާރިޔާއަށް ގުޅުއްވައި، ތަފުސީލު ދެއްވީ ނަޝީދުގެ އިރުޝާދާއެކު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް އިލްޔާން އެކަން ފުލުހުންނާ ހިއްސާ ނުކުރެ އެވެ.

ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގައި، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ އެކަން ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮވެ އެވެ. އަދި ރިޕޯޓް ނުކޮށް ހުއްޓައި އެކަން ހިނގައި ލިބޭ ގެއްލުންތަކަށް ބަލައި އެ މީހަކަށް ބޮޑެތި އަދަބުތައް ވެސް ކަނޑައެޅެ އެވެ.