ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ސައުދީ އަރަބިއްޔާގައި ދާއިމީ ހެޑްކުއާޓަރު ގާއިމުކޮށް، އެ ގައުމުން އިސްނަގައިގެން އިތުރު 13 ގައުމަކާއެކު މިދިޔަ މަހު އުފެއްދި މި އިއްތިހާދުގެ މައިގަނޑު އަމާޒަކީ ބާބުލްމަންދަބު ކަނޑުއޮޅިއާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގައި ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.
މި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި "ޗާޓާ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" މުއާހަދާ ތަސްދީގުކުރުމުގެ ރުހުން ހޯދުމަށް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އެ އިއްތިހާދުގައި ރާއްޖޭން ބައިވެރިވެ، އެ މުއާހަދާގައި ސޮއިކުރުމަށް ފާސްވީ 58 މެންބަރުންގެ ވޯޓުންނެވެ. އަދި އިއްތިހާދުގައި ބައިވެރިވާން ނުފެންނަ ކަމަށް 1 މެންބަރަކު ވޯޓުދެއްވިއިރު، 6 މެންބަރަކު ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމަވައިފަ އެވެ.
އީރާނުން ވާގިވެރިވާ ޔަމަނުގެ ހޫސީންގެ ޖަމާއަތުން ސައުދީއާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް އިއުލާނުކޮށް، އުޅަނދުފަހަރަށް ހަމަލާދޭން ފެށުމާ ގުޅިގެން އުފެއްދި މި އިއްތިހާދުގައި ތުރުކީ، ކުވެއިތު، ބަހްރެއިން، ގަތަރު، މިސްރު، ޕާކިސްތާން އަދި ބަންގްލަދޭޝް ފަދަ ގައުމުތައް ހިމެނެ އެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާއި ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކޮށްގެން ކުރިއަށްދާ މި ކޯލިޝަންގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެންބަރު ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެއް ކަމަށް ބައިވެރިވާ ގައުމުތަކުން ވަނީ ހާމަކޮށްފަ އެވެ.
ޑޮލަރުގެ ދަތިކަން ބޮޑުވީ 500 މިލިއަންގެ ސުކޫކު ދެއްކުމުން: ޒަރީރު
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ބޭންކިން ދާއިރާގެ 80 ޕަސެންޓަކީ ދިވެހީން ކަމުގައި ހަދަނީ