އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މަދަނީ ނިއުކްލިއާ ހަކަތައާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއާއެކު އެކުލަވައިލި އެއްބަސްވުމެއް ކޮންގްރެސްއަށް ހުށަހަޅުއްވައިފި އެވެ. ނަމަވެސް، މި އެއްބަސްވުން ތަސްދީގުކުރެވޭނީ ސައުދީން އިޒްރޭލާއެކު ގުޅުން ގާއިމުކުރުމުން އެކަނި ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އޮގަސްޓް 25 ގައި ރޮއިޓާސްއަށް މައުލޫމާތު ދީފައިވެއެވެ.
ނަން ހާމަނުކުރުމަށް އެދުނު އެ އޮފިޝަލް ބުނި ގޮތުގައި، ޖުލައި މަހު އެއްބަސްވުމަކަށް އައިސްފައިވާ މި މުއާހަދާ ކޮންގްރެސްއަށް ފޮނުވާފައިވަނީ އޮގަސްޓް 24 ގައެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ކުންފުނިތަކަށް ސައުދީއަށް މަދަނީ ނިއުކްލިއާ ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. ވޮޝިންޓަންގައި ހުންނަ ސައުދީ އެމްބަސީން މިކަމާ ގުޅޭގޮތުން ބަހެއް ބުނެފައެއް ނުވެއެވެ.
މި އެއްބަސްވުމާމެދު ގޮތެއް ނިންމުމަށް ކޮންގްރެސްގެ ސެޝަންގެ 90 ދުވަސް ލިބޭއިރު، މީގެ ސަބަބުން ރައީސް ޓްރަމްޕް ބޭނުންފުޅުވާ މަގްސަދުތައް ހާސިލުވާނެ ގޮތެއް ސާފެއް ނުވެއެވެ.
އެމެރިކާގެ އޮފިޝަލް އީމެއިލް މެދުވެރިކޮށް ބުނެފައިވަނީ، "އަބްރަހަމް އެކޯޑްސް" ގައި ސައުދީ އަރަބިއްޔާ ބައިވެރިވެއްޖެ ނަމަ މެނުވީ މި އެއްބަސްވުން ކުރިއަށް ނުދާނެ ކަމަށް ރައީސް ގެންގުޅުއްވާ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށެވެ. އަބްރަހަމް އެކޯޑްސްއަކީ އިޒްރޭލާއި އަރަބި އަދި މުސްލިމް ގައުމުތަކުގެ މެދުގައި ގުޅުން ގާއިމުކުރުމަށް އެމެރިކާ މެދުވެރިވެގެން އެކުލަވައިލި އެއްބަސްވުންތަކެކެވެ.
2020 އަދި 2021 ވަނަ އަހަރު މި އެއްބަސްވުންތައް ގާއިމުކޮށްފައިވަނީ އިޒްރޭލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރައިން، މޮރޮކޯ އަދި ސޫދާނާ ދެމެދުގަ އެވެ.
ޖުލައި މަހު ސައުދީ ނިއުކްލިއާ އެއްބަސްވުމަށް އައުމަށްފަހު، ޓްރަމްޕް ވަނީ އެ އެއްބަސްވުން އަމަލީ ގޮތުން ހިންގުމަށްޓަކައި އިޒްރޭލާއެކު ގުޅުން ގާއިމުކުރުން ޝަރުތަކަށް ހައްދަވާފަ އެވެ. ކުރީގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ނިއުކްލިއާ އެއްބަސްވުމެއް ހޯދުމަށް މަސައްކަތް ކުރައްވައި، އެކަން އަބްރަހަމް އެކޯޑްސްއާ ގުޅުވުމަށް ބޭނުންފުޅުވެފަ އެވެ. ޑިޕްލޮމެޓުން ގަބޫލުކުރި ގޮތުގައި 2023 ވަނަ އަހަރު ސައުދީން އިޒްރޭލާއެކު ގުޅުން ގާއިމުކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. ނަމަވެސް އޮކްޓޫބަރު 2023 ގައި ގާޒާ ހަނގުރާމަ ފެށުމާއެކު މަސްރަހު ބަދަލުވެގެން ދިޔައެވެ.
ސައުދީ އަރަބިއްޔާއިން ބުނަމުންދަނީ އިޒްރޭލު ގަބޫލުކުރުމުގެ ކުރިން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފަސްނުޖެހޭ ފަދަ ސާފު މަގެއް ފެންނަންޖެހޭނެ ކަމަށެވެ.
30 އަހަރުގެ މުއްދަތަށް އެކުލަވައިލާ މި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން "އޭޕީ 1000" މަރުކާގެ ރިއެކްޓަރުތައް ބިނާކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއެއް ކަމުން، މީގެ ފައިދާ ކެނެޑާގެ ކޭމެކޯ އަދި ބްރޫކްފީލްޑް އެސެޓް މެނޭޖްމަންޓް ގުޅިގެން ހިންގާ ވެސްޓިންހައުސް ކުންފުންޏަށް ކުރާނެއެވެ.
ކޮންގްރެސްގެ ދެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މި އެއްބަސްވުން މިހާރު ވަނީ ކޮންގްރެސްގެ އިސްވެރިންނަށް ފޮނުވާފަ އެވެ. އަދި އޮގަސްޓް 26 ގައި ކޮމިޓީތަކާ ހަވާލުކުރެވޭނެ ކަމަށް ބެލެވެއެވެ. ކޮންގްރެސްގެ ސެޝަންގެ 90 ދުވަސް ތެރޭގައި މި އެއްބަސްވުމާ މެދު އެއްވެސް ނިންމުމެއް ނުނިންމައިފި ނަމަ، އެއްބަސްވުމަށް އަމަލުކުރަން ފެށޭނެއެވެ.
ކޮންގްރެސްއިން މި އެއްބަސްވުން ބާތިލުކުރަން ނިންމި ނަމަވެސް، ރައީސް ޓްރަމްޕަށް އެ ނިންމުން ވީޓޯ ކުރުމުގެ ބާރު ލިބިގެންވެއެވެ. އެ ހާލަތުގައި ރައީސްގެ ވީޓޯ ބާތިލުކުރުމަށް ކޮންގްރެސްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވާނެއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުންނާއި ނިއުކްލިއާ ހަތިޔާރު ފެތުރުމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މި އެއްބަސްވުމަށް ފާޑުކިޔާފަ އެވެ. އެފަރާތްތަކުން ބުނާ ގޮތުގައި، ސައުދީން ޔުރޭނިއަމް މުއްސަނދިކުރުން ނުވަތަ ނިއުކްލިއާ ކުނި އަލުން ބޭނުންކުރުން ހުއްޓުވާ ފަދަ މާއްދާތަކެއް މި އެއްބަސްވުމުގައި ނެތެވެ. މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ދެ މަގެކެވެ.
އެމެރިކާއާއެކު 2009 ވަނަ އަހަރު ގާއިމުކުރި މަދަނީ ނިއުކްލިއާ އެއްބަސްވުމުގައި، "ގޯލްޑް ސްޓޭންޑަޑް" ގެ ގޮތުގައި ބެލެވޭ މިފަދަ ހަރުކަށި ފިޔަވަޅުތަކަށް ޔޫއޭއީ އިން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ބުނަނީ ގާނޫނުން ލާޒިމުކުރާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މި އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ.
ނޮންޕްރޮލިފަރޭޝަން ޕޮލިސީ އެޑިއުކޭޝަން ސެންޓަރުގެ ވެރިޔާ ހެންރީ ސޮކޯލްސްކީ ވިދާޅުވި ގޮތުގައި، ޓްރަމްޕް މި މަރުހަލާ ފެއްޓެވުމުން، އިޒްރޭލު ގަބޫލުކުރުމާއި ނިއުކްލިއާ ފެތުރުން ހުއްޓުވުމުގެ ޝަރުތުތަކާ ނުލައި ވެސް މި އެއްބަސްވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ކޮންގްރެސްއަށް މިހާރު ވަނީ ހުޅުވިފަ އެވެ. ސޮކޯލްސްކީ އިތުރަށް ވިދާޅުވީ، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓުވުމާއި އިޒްރޭލު ގަބޫލުކުރުމުގެ މައްސަލާގައި ސީރިއަސްކަމެއް ހުރި ނަމަ، މިއީ އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމަށެވެ.
"އިންސިޑިއަސް"ގެ އެންމެ ފަހުގެ ފިލްމުން ހިތް ބިރު ގަންނާނެ!
ކީބޯޑުގެ އަކުރުތައް ތަރުތީބުން ނުހުންނަނީ ކީއްވެ؟
