ޖިނާއީ ކުށުގެ ދައުވާ ސާބިތުނުވިޔަސް މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ނަމަ އެ މުދަލެއް ދައުލަތަށް ނެގޭ ގޮތަށް ހެދުމާއެކު، ރާއްޖެއިން ބޭރުގައި ހުންނަ މުދާ ވެސް ހިފެހެއްޓޭ ގޮތަށް ތައްޔާރުކޮށްފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ފޮނުވާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ބިލުގެ މައިގަނޑު ބޭނުމަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުމެވެ.

މި ބިލުގައި ކުށްކޮށްގެން ހޯދާ މުދަލާއި ކުށް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ދެނެގަތުމުގެ މިންގަނޑުތަކާއި، އެފަދަ މުދާ ދައުލަތަށް ނެގޭނެ ހާލަތްތައް ވަނީ ތަފްސީލުކޮށް ކަނޑައަޅާފަ އެވެ. އޭގެ އިތުރުން ކުށްކޮށްގެން ހޯދާ މުދާ ދެނެގަތުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އެފަދަ މުދާ ހިފެހެއްޓުމަށް އަޅާ ވަގުތީ ފިޔަވަޅުތަކާ ގުޅޭ އުސޫލުތައް ވެސް ބިލުގައި ހިމެނެ އެވެ.

މާލީ އިދާރާތަކުގައިވާ އެކައުންޓްތައް މޮނިޓަރުކުރުމުގެ އަމުރާއި، ދައުލަތަށް ނެގިދާނެ މުދަލާ ގުޅޭ މައުލޫމާތު ހާމަކުރުމަށް އެންގުމުގެ ޕްރޮޑަކްޝަން އަމުރު އަދި އެކައުންޓް ފްރީޒްކުރުމުގެ އަމުރު ނެރުމާ ގުޅޭ ގާނޫނީ އުސޫލުތައް މި ބިލުގައި ވަނީ ހިމަނާފަ އެވެ. އެކައުންޓް ފްރީޒްކުރުމުގެ އަމުރަކީ ދައުލަތަށް ނެގިދާނެ ފައިސާއަކުން އެއްވެސް މުއާމަލާތެއް ކުރުން ހުއްޓުވުމަށްޓަކައި ނެރޭ އަމުރެކެވެ.

ޖިނާއީ ކުށް ސާބިތުވާ ހާލަތުގައި މުދާ ހިފެހެއްޓުމަށް ރިސްޓްރެއިންޓް އަމުރު އަދި މުދާ ދައުލަތަށް ނެގުމަށް ފޯފީޗާ އަމުރު ނެރެވޭނެ ގޮތް ބިލުގައި ކަނޑައަޅާފައިވެ އެވެ. އަދި ކުށް ސާބިތުނުވާ ހާލަތުގައިވެސް، މަދަނީ މިންގަނޑުން އެއީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން ސާބިތުވާ ނަމަ، ސިވިލް ރިސްޓްރެއިންޓް އަމުރާއި ސިވިލް ފޯފީޗާ އަމުރު މެދުވެރިކޮށް އެ މުދަލެއް ދައުލަތަށް ނެގޭނެ އިސްތިސްނާ ހާލަތްތައް ވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ މުދާ މެނޭޖްކުރުމަށްޓަކައި މާލިއްޔަތާ ބެހޭ ވުޒާރާގެ ދަށުން ހިނގާ "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި ހާއްސަ އިދާރާއެއް އުފެއްދުމަށް ބިލުގައި ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު، ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލުދިނުމަށް "ރިކަވާޑް އެސެޓްސް ފަންޑު" ގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމުކުރުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.

ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރުގައިވާ ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތަކާއި، ރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ފަރާތްތަކުގެ މުދާ ހިފެހެއްޓުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ.