އޮންލައިން ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނެގުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓޫރް އޮޕަރޭޓަރުން (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ އިންސާފުވެރި ޓެކްސް ނިޒާމަކަށް ތާއީދުކުރި ނަމަވެސް، މީރާއިން ސިނާއަތުގެ ފަރާތްތަކާ އެކަށީގެންވާ މަޝްވަރާނުކޮށް ހުށަހެޅި މި އިސްލާހަކީ ދިވެހި ވިޔަފާރިތަކަށް ރައްކާތެރިކަން ލިބޭނެ ކަމެއް ނޫން ކަމަށެވެ.

މަޓާޓޯއިން ފާހަގަކުރި ގޮތުގައި ރާއްޖޭގައި ދާއިމީ އޮފީހެއް ނެތް ބޭރުގެ ހުރިހާ ވިޔަފާރިތަކެއް މީރާގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމަކީ އަމަލީ ގޮތުން ތަންފީޒުކުރަން ދަތި ކަމެކެވެ. އަދި ބޭރުގެ ބައިވެރިންގެ އަތުން އިތުރު ޓެކްސް ނެގުމުން ރާއްޖެ ވިއްކުމަކީ އިދާރީ ތަކުލީފަކަށްވެ، އެ ފަރާތްތަކުން އެހެން ގައުމުތަކަށް ވިޔަފާރި ބަދަލުކުރުމުގެ ފުރުސަތު އޮތުމުން، އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

ހަމައެއާއެކު އަންނަ އޮކްޓޫބަރު 1 އިން ފެށިގެން މި އިސްލާހަށް އަމަލުކުރަން ނިންމާފައިވާއިރު، ކުރިއަށް އޮތް ސީޒަނުގެ ބުކިންތަކާއި އަގުތައް ވަނީ ކޮންފާމްކޮށް ނިމިފައި ކަމަށް މާޓާޓޯއިން ބުންޏެވެ. އެހެންކަމުން އެކަށީގެންވާ އިންތިގާލީ މުއްދަތެއް ދިނުން މުހިންމު ކަމަށްް މަޓާޓޯއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓެކްސްގެ ބޭނުމަށް ދިވެހި އެޖެންޓުންގެ ބޭރުގެ ބައިވެރިންގެ މައުލޫމާތު ފޯރުކޮށްދޭން ޖެހުމަކީ އެތައް އަހަރެއްގެ މަސައްކަތުން ހޯދާފައިވާ ވިޔަފާރީގެ ސިއްރުތައް ހާމަވެގެންދާނެ ކަމެއް ކަމަށް މަޓާޓޯއިން ބުންޏެވެ.