އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް، ނާސާ، ފެޑަރަލް ރިޒާވް، ސެނެޓް އަދި ސަރުކާރުގެ އެހެނިހެން ނާޒުކު އިދާރާތަކުގެ ނެޓްވޯކްތަކަށް ވަނުމަށް ޗައިނާގެ ހެކަރުން ހިންގަމުންދިޔަ އޮޕަރޭޝަނެއް ހުއްޓުވާފައިވާ ކަމަށް އެމެރިކާ ސަރުކާރުން ބުދަ ދުވަހު ހާމަކޮށްފި އެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ކިއު-ސްކޭން" އަދި "ކިއުޓީރައުޓާގެ ނަމުން ނަންދެވިފައިވާ ދެ ހެކިން ޕްލެޓްފޯމަކުން ބޭނުންކުރަމުންދިޔަ ޑޮމެއިންތަކެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީ، ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސް، ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގެ އިތުރުން އެމެރިކާ އާއި ދެކުނު ކޮރެއާގެ ހަތަރު ކުންފުންޏަކަށް މި ހެކަރުންގެ ހަމަލާތައް އަމާޒުވެފައިވާކަން ކޯޓު ލިޔެކިޔުންތަކުން އެނގެ އެވެ.
ވޮޝިންޓަންގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނަކު އީމެއިލް މެދުވެރިކޮށް ވިދާޅުވީ، ޖަސްޓިސް ޑިޕާޓްމަންޓުން ފާހަގަކޮށްފައިވާ ތަފްސީލުތައް އެނގިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ޗައިނާ ސަރުކާރުން ހުރިހާ ބާވަތެއްގެ ސައިބާ ހަމަލާތަކާ ދެކޮޅަށް ގާނޫނީ އިމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެމެރިކާއިން ސައިބާ ސެކިއުރިޓީގެ މައްސަލަތައް ބޭނުންކުރަނީ ޗައިނާގެ އަގުވައްޓާލުމަށް ކަމަށާއި، ގައުމީ ސަލާމަތުގެ ނަމުގައި ޗައިނާގެ ކުންފުންޏަކަށް ތަފާތުކުރުންތައް ގެންގުޅުމާ ޗައިނާ ދެކޮޅު ހަދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނާ ގޮތުގައި މި ހެކިން ޕްލެޓްފޯމްތައް ހިންގަނީ ޗައިނާގެ ނަންޖިން ޒިންޖިއުވޭ ނެޓްވޯކް ޓެކްނޮލޮޖީ ކުންފުނިންނެވެ. މި ކުންފުނީގެ ކްލައިންޓުންގެ ތެރޭގައި ޗައިނާގެ އިންޓެލިޖެންސް އެޖެންސީއާއި އަސްކަރިއްޔާ ހިމެނޭ ކަމަށްވެސް އެމެރިކާއިން ތުހުމަތުކުރެއެވެ.
ހެކް ކުރުމުގެ މަސައްކަތް ފެށުނީ 2018 ގައި
ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މި ހެކަރުން އަމިއްލައަށް އުފައްދާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން 2018 ވަނަ އަހަރުން ފެށިގެން އެމެރިކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުހިންމު އިންފްރާސްޓްރަކްޗާތަކާއި ނެޓްވޯކްތަކަށް ވަނުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް މި ހުރިހާ މަސައްކަތްތަކެއް ކާމިޔާބުވެފައެއް ނުވެއެވެ. މިސާލަކަށް، 2019 ވަނަ އަހަރު ނާސާގެ ނެޓްވޯކަށް ވަނުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
އެހެންނަމަވެސް، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުގެ ތިން ލެބޯޓްރީއަކާއި، އެންއައިއެޗް އަދި ސަލާމަތީ ވަސީލަތްތައް އުފައްދާ ކުންފުންޏެއްގެ ނެޓްވޯކަށް މި ހެކަރުން ވަދެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެފްބީއައި އާއި އެންއެސްއޭ އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، 2024 ވަނަ އަހަރުގެ މެއި މަހު ބައެއް ދިފާއީ ކުންފުނިތަކާއި، މާލީ އިދާރާތަކާއި ޔުނިވާސިޓީތަކުން މައުލޫމާތު ވަގަށް ނެގުމުގައި މި ހެކަރުން ވަނީ ކާމިޔާބީ ހޯދާފަ އެވެ.
ފާއިތުވި އަހަރުތަކުގައި ޗައިނާއާ ގުޅުންހުރި ހެކަރުން ވަނީ އެމެރިކާ ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގެ ނެޓްވޯކްތަކަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ބައެއް ކޮމިޓީތަކާއި، މުވާސަލާތީ ބޮޑެތި ކުންފުނިތައް ހިމެނެއެވެ.
ޑޮލަރު އާމްދަނީގެ %40 މާރުކުރަން މަޖުބޫރު ކުރާ ބިލު ފާސްކޮށްފި
ފަޅުރަށް ދޫކުރުމުގެ ހުރިހާ ބާރެއް ރައީސަށް ދޭ ބިލު ފާސްކޮށްފި
