ރާއްޖޭގެ ރިސޯޓުތަކަށް ޑޮލަރުން ލިބޭ ޖުމްލަ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމުވާ ގޮތަށް، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ރިޔާސަތުގައި ރައީސް އަބްދުއްރަހީމް އަބްދުﷲ އިންނެވި މި ޖަލްސާގައި މި ބިލު ފާސްކުރީ 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. މީގެއިތުރުން އިދިކޮޅު މެންބަރުން މި ބިލަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެއެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ފުރަތަމަ މި ބިލު ހުށަހެޅުއްވީ، ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ރިސޯޓުތަކުގެ އާމްދަނީގެ %20 މާރުކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް، ކޮމެޓީ މަރުހަލާ ނިންމައި ތަޅުމަށް ފޮނުވި ފަހުން ބިލަށް މުހިންމު ބަދަލުތަކެއް ގެނައުމަށް އަލުން ކޮމެޓީއަށް ފޮނުވުނެވެ. މި ބަދަލުތައް ކޮމެޓީ ރިޕޯޓަށް ގެނައުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
މި ބިލަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތަފްސީލު ހާމަކުރައްވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައިވަނީ، ކުރިން ކޮންމެ ތިން މަހަކުން އެއްފަހަރު ޑޮލަރު މާރުކުރަން އޮތް އުސޫލު ބަދަލުކޮށް، ކޮންމެ މަހަކު ލިބޭ ޑޮލަރު އާމްދަނީގެ %40 ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ.
މިއަދު ފާސްކުރި ބިލުގައި ހިމެނޭ މުހިންމު ނުކުތާތައް:
ޓޫރިސްޓު ހޮޓާ އަދި ގެސްޓްހައުސްތައް: ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %20 ބޭންކަށް މާރުކުރަން ޖެހޭނެއެވެ.
އެހެނިހެން ވިޔަފާރިތައް: ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާއި މާލީ އިދާރާތައް ފިޔަވައި، އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން ވެސް އާމްދަނީގެ %40 މާރުކުރަން ޖެހޭނެއެވެ. ނަމަވެސް އެފަދަ ވިޔަފާރިއަކީ ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ތަނެއް ނަމަ މާރުކުރަން ޖެހޭނީ އާމްދަނީގެ %7 އެވެ.
މީގެ އިތުރުން، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް ބޭރު ފައިސާގެ ކަޅުބާޒާރު ހުއްޓުވުމުގެ ގޮތުން ވެސް ހަރުކަށި ފިޔަވަޅުތަކެއް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި، ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ އަގުތައް އާންމުކޮށް ހަބަރު ފަތުރައި އެކަން ޕްރޮމޯޓްކުރާ ފަރާތްތައް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.
ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށްފި
ކްލޯއީ އެކްޓިންގެ ދާއިރާއިން ދުވަހަކު ވެސް ފެނިދާނެތަ؟
ޑޮލަރު މާރުކުރުމާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި