ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަތީ ތައުލީމާއި ތަމްރީނުގެ ބިލު، މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މަތީ ތައުލީމާ ބެހޭ ބިލަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.

އެ ގާނޫނުގައި ބަޔާންކުރާ ގޮތުން ނަމަ މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަން ކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށް، މަތީ ތައުލީމާއި ތަމްރީންދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފައްދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ގާނޫނުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގައި މަސައްކަތްކުރަމުން އައި ހުރިހާ މުވައްޒަފުން އަލަށް އުފައްދާއިދާރާއަށް ބަދަލުކުރާނެ ކަމަށް ވެސް ގާނޫނުގައި ބުނެ އެވެ. އަލަށް އުފެއްދި އޮތޯރިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރެވެ.

މިއަދު ތަސްދީގުކުރި ގާނޫނުގެ މަގްސަދަކީ މަތީ ތައުލީމުގެ ފެންވަރު ރަގަޅުކޮށް، ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ހިދުމަތްތައް ކުރިއެރުވުމެވެ. އެ ގާނޫނުގެ މައިގަނޑު މަގްސަދަކީ ހަމަހަމަކަމާއެކު ދިވެހިންނަށް ތައުލީމީ ފުރުސަތުތައް ހުޅުވައިލުމާއި މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. އަދި ރާއްޖޭގައި ފޯރުކޮށްދޭ މަތީ ތައުލީމަކީ ފެންވަރު ރަނގަޅު، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ދެވޭ ހިދުމަތެއްގެ ގޮތުގައި ހެދުމެވެ.