ކޮވިޑްގެ ހާލަތުގައި އަހަރުމެންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަހައްމިއްޔަތުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފުރަބަންދާއި ކާފިއުތައް އިއުލާން ކުރަމުންދާއިރު ވަށައިގެން ހިނގާ ކަންތައްތަކުގެ ކުރާ އަސަރު ތިމާގެ އަމިއްލަ ނަފްސަށާއި އާއިލާއަށްކުރާ މިންވަރު ބެލުމަކީ ކުރަން ޖެހިފައިވާ ކަމެކެވެ.

އެ ގޮތުން ތިރީގައި މިވަނީ ކޮވިޑްގެ މި އުނދަގޫ ހާލަތުގައި އަމިއްލަ ނަފުސާއި އާއިލާގެ އެންމެންގެ ނަފްސާނީ ދުޅަހެޔޮކަން ޔަގީން ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

އެންމެ ފަހުގެ ހަބަރުތައް ބެލުން:

މި ހާލަތުގައި ނަފްސާނީ ދުޅަހެޔޮކަން ބޭނުންނަމަ ތިބާގެ މުޖުތަމައުގެ ހާލަތު އެނގެން ޖެހެ އެވެ. ނަމަވެސް މައުލޫމާތު ހޯދުމުގައި ޒިންމާދާރުވާށެވެ. ތުންތުން މަތިން އަންނަ ހަބަރުތަކާއި މައުލޫމާތު ގަބޫލު ކުރުމުގެ ބަދަލުގައި އިތުބާރު ކުރެވޭ ހަބަރު ފަތުރާ ވަސީލަތްތަކާއި ސަރުކާރު އިދާރާތަކުން އާއްމުކުރާ މައުލޫމާތަށް އިސްކަން ދޭށެވެ.

ހުސް ވަގުތު ހެޔޮގޮތުގައި ބޭނުންކުރުން:

ގިނަ އޮފީސްތައް ގެއިން މަސައްކަތް ކުރެވޭގޮތް ހެދުމާއެކު އަހަރުމެންނަށް ވަނީ ގިނަ ހުސް ވަގުތުތަކެއް ލިބިފަ އެވެ. އެހެންކަމުން މި ހުސްވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުން ކުރާށެވެ. ފޮތްކިޔަން އާދަ ކުރެވިދާނެ އެވެ. އަޅުކަމުގައި މަސްއޫލު ވެވިދާނެ އެވެ. ޝައުގުވެރިވާ ހޮބީއެއް ހޯދުމަށްފަހު އެ ހޮބީއިން ކުރިއަށް ދެވިދާނެ އެވެ. މިކަންކަމުން ތިބާގެ ނަފްސާނީ އަދި ރޫހާނީ ސިއްހަތު ރަނގަޅުވާނެ އެވެ.

އާއިލީ ގުޅުން ބަދަހި ކުރުން:

ކާފިއު ގަޑި ފެށުމާއެކު އަހަރުމެން އެންމެން މި ތިބެނީ ގޭގަ އެވެ. އާއިލާއާ އެކު އެއް ފުރާޅެއްގެ ދަށުގަ އެވެ. މި ފުރުސަތުގެ ބޭނުން ހިފާށެވެ. އާއިލާގެ އެންމެ ހަގު މެމްބަރުން ފެށިގެން އެންމެ ދޮށީ މެމްބަރުންނާއެކު ވަގުތު ހޭދަ ކުރާށެވެ. އެންމެން އެކުގައި ހޭދަކުރާ ވަގުތު ގިނަ ކުރާށެވެ. އެކަކު އަނެކަކުގެ އިހްސާސްތައް އަޑުއަހާ މި ދަނޑިވަޅުގައި އެކެއް އަނެކެއްގެ މަދަދުދާރަކަށް ވާށެވެ.

މިގޮތުގެ މަތިން ކޮވިޑް 19ގެ ދަތި ހާލަތުގައި ވެސް ނަފްސާނީ ދުޅަހެޔޮކަން ޔަގީން ކުރެވޭނެ އެވެ. މި އުނދަގޫ ހާލަތުން އަރައިގަތުމުގައި ފަސޭހަވާނެ އެވެ.