ކޮވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު މަރުވެ، ޖުމްލަ އަދަދު 98 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ އަންހެނަކު މިރޭ މަރުވެފައިވާ ކަމަށެވެ. މިއީ މިއަދު ކޮވިޑު ޖެހިގެން މަރުވި ކަމަށް ރިޕޯޓުކުރި ހަތަރު ވަނަ މީހާ އެވެ.

މިއަދު އުމުރުން 30 އަހަރުގެ މީހަކު ވެސް ވަނީ ކޮވިޑު ބަލީގައި މަރުވެފަ އެވެ. އަދި 87 އަހަރުގެ މީހަކާއި 83 އަހަރުގެ މީހަކު ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ.

ކޮވިޑު ބަލީގެ ކޭސްތައް ފެންނަ މިންވަރު ވެސް އެތައް ގުނައެއް އިތުރު ވެފައިވާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް 1،000 އަށް ވުރެ ގިނަ ކޭސް ދަނީ ފެންނަމުންނެވެ. މިވަގުތު 15،000 އަށް ވުރެ ގިނަ މީހުން ދަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.

އޭގެ ތެރެއިން 262 މީހުންނަށް ފަރުވާ ދެމުން ދަނީ އެޑްމިޓްކޮށްގެންނެވެ.