އިޒްރޭލާ ފަލަސްތީނާއި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަ ހައްލުކުރަން ޗައިނާއިން ހަތަރު ޕޮއިންޓުގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް މިދޔަ އާދީއްތަ ދުވަހު ހުށަހެޅުމުން، އެއީ ކިހާ ވަރެއްގެ ބަރުދަނެއް ހުރި ހުށަހެޅުމެއްތޯ ގިނަބަޔަކު ސުވާލު އުފައްދަމުން އެބަގެންދެ އެވެ. ތަފާތު ގޮތްގޮތަށް މިކަމާ ބަހުސް ކުރަމުންދާއިރު އިޒްރޭލުން ވެސް ފަލަސްތީނުން ވެސް ޗައިނާގެ މިހުށަހެޅުމާ މެދު ވަކި އެއްޗެކޭ އަދި ނުބުނެ އެވެ.

ޗައިނާއަކީ ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލްގެ މި ދައުރުގެ ރައީސެވެ. ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ގައުމުތަކާއެކު ހޮނިހިރު ދުވަހު ބޭއްވި ވާޗުއަލް މީޓިންގެއްގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވައިލައިފަ އެވެ.

ޗައިނާއިން އިޒްރޭލަށް ގޮވާލީ ފަލަސްތީން ހިސާރުކޮސްފައިވާ ކުރުން ނިމުމަކަށް ގެނައުމާއެކު ހިފާފައިވާ ބިންތަކުން ފޭބުމަށެވެ. ހަމަ އެ ފަދައިން ޗައިނާއިން އެމެރިކާއަށް ގޮވާލީ ސަލާމަތީ މަޖްލީހުން ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް ނޭޅުމަށެވެ. ފަލަސްތީނުގެ މައްސަލާގައި ސެކިއުރިޓީ ކައުންސިލުގައި ބަހުސްކުރުމަށް ކުރެވޭ މަސައްކަތަށް އެމެރިކާއިން ދަނީ ހުރަސް އަޅަމުންނެވެ. އެގޮތުން އެ މަޖިލީހުން ނެރެން އުޅުނު ޖޮއިންޓް ސްޓޭޓްމަންޓަށް ވެސް އެމެރިކާއިން ވަނީ ހުރަސް އަޅައިފަ އެވެ.

އެމެރިކާގެ ފިއްތުންތަކާ ހެދި ސަލާމަތީ މަޖިލީހުގެ ގަރާރެއް ފާސް ނުވި ކަމުގައި ވިޔަސް އެ މަޖިލީހުގައި ހިމެނޭ ޓިއުނީޝިޔާ އާއި ނޯވޭއާއެކު ޗައިނާ ދަނީ މައްސަލަ އަށް ހައްލެއް ލިބޭތޯ މަސައްކަތް ތަކެއް ކުރަމުންނެވެ. މި ތިން ގައުމު ގުޅިގެން ވަނީ ޖޮއިންޓް ސްޓޭޓްމަންޓެއް ވެސް ނެރެފަ އެވެ. އެ ސްޓޭޓްމެންޓްގައި ހުރިހާ ބާވަތެއްގެ އަނިޔާވެރިކަން ވަގުތުން ހުއަޓާލުމަށް ގޮވާލި އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

ދުނިޔޭގެ ގައުމުތަކުގެ މެދުގައި އޮންނަ ސިޔާސީ ދެކޮޅުވެރިކަމުގެ ތެރެއަށް ނުވަނުމުގެ ޕޮލިސީއެއް ގެންގުޅެމުން އަންނަ ޗައިނާ އިން މިފަހަރު މި ވަނީ އިޒުރޭލު ފަލަސްތީނުގެ މައްސަލައިގައި މުހިންމު ރޯލެއް ކުޅެން ބޭނުންކަން ހާމަކޮށްފަ އެވެ. އެގޮތުން މައްސަލައާ ބެހޭ ގޮތުން އިޒްރޭލާ ފަލަސްތީނުގެ ސުލްހައާ ބެހޭ ބަންދޫބުން މަޝްވަރާއަށް ޗައިނާއަށް ދިއުމަށް ވެސް ވަނީ ދައުވަތު އަރުވައިފަ އެވެ. މި ދައުވަތާއެކު ހަތަރު ޕޮއިންޓެއްގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

ބައިނަލް އަގުވާމީ ޖަމާއަތްތަކަށް އިޝާރަތް ކުރައްވައި ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވީ މައްސަލަ އިތުރަށް ގޯސްވިޔަ ނުދޭން ބައިނަލްއަގުވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅު ތަކެއް އަވަހަށް އަޅަން ޖެހޭ ކަމަށެވެ.

ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މެދު އިރުމަތީގެ މައްސަލާގައި ފަލަސްތީނުގެ ސުވާލަށް ޖަވާބު ލިބެން ޖެހެ އެވެ. އެ ސުވާލަށް ޖަވާބެއް ލިބި ފަލަސްތީނުގެ މައްސަލަ ހައްލު ނުވާހާ ހިނދަކު މެދުއިރު މައްޗަކަށް ހަގީގީ ސުލްހައެއް ނެތެވެ.

ޗައިނާއިން ހުށަހެޅި ހަތަރު ޕޮއިންޓުގެ ސުލްހައިގެ ޕްލޭނުގައި މާކަ ބޮޑު އާ ވާހަކަ އެއް ނެތެވެ. އެ ޕޮއިންޓުތަކުގައި ހިމެނެނީ އިސްރާއީލާ ފަލަސްތީނުން ވެސް ހަރުކަށިކަން ވަގުތުން ހުއްޓަލައި ސުލްހައަށް މަގުފަހި ކޮށް ދިނުމާއި އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ފުރުސަތު ދިނުމާއި ފަލަސްތީނު އިޒުރޭލު މައްސަލަ ހައްލު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން އަވަސް ފިޔަވަޅުތަކެއް އެޅުމާއި އދ. ން ފާސްކޮށްފައިވާ އިޒްރޭލް ފަލަސްތީން ދެ ދައުލަތުގެ ސިޔާސަތުގެ މައްޗަށް ބިނާވާ ސުލަހައިގެ ވާހަކަތަކެއް އަވަހަށް ފެށުމެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ އިމާރާތްތަކުގައި ރޯވެފައި

ޗައިނާއިން ގަބޫލު ކުރާގޮތުގައި މައްސަލައަށް ދާއިމީ ހައްލެއް އަންނަން އޮތީ އިޒްރޭލެކޭ އެއްފަދައިން ފަލަސްތީނަށް ވެސް އަމިއްލަ މިނިވަން ދައުލަތެއް ލިބިގެންނެވެ. އެކަމަށްޓާކައި އދ. ން މީގެ ކުރިން ފާސްކޮށްފައިވާ ގަރާރުތަކަށް ޗައިނާއިން ފުރިހަމަޔަށް ތާއީދު ކުރެ އެވެ. އެއިގެ ތެރޭގައި ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ޖެރޫސަލަމްއަށް ވާން ޖެހޭނެ ކަމަށް ވެސް ޗައިނާއިން ދެކެ އެވެ.

މަސްރަހު ދިރާސާ ކުރާ ތަޖުރިބާކާރުން ވަނީ ޗައިނާގެ މި އިސްނެގުމުން ނަތީޖާ އެއް ލިބިދާނެތޯ ކުރެވޭ ސުވާލުގައި ދެ ބަޔަކަށް ބެހިފަ އެވެ. އެއްބަޔަކު ދެކޭ ގޮތުގައި އެމެރިކާގެ ވަކި ފަރާތަކަށް ޖެހުމުގެ ސިޔާސަތުގެ ސަބަބުން ދިގުދެމިގެން ގޮސްފައިވާ މި މައްސަލައިގެ މެދުވެރިއެއްގެ ރޯލު ކުޅުމަށް އެމެރިކާއަކަށް މިހާރަކު އިތުބާރެއް ނެތެވެ. އޭގެ ބަދަލުގައި ޗައިނާގެ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތުގެ ސަބަބުން ކޮންމެ ވެސް ނަތީޖާއެއް ނިކުތުން ވެސް އެކަށީގެންވެ އެވެ. ޚާއްސަކޮށް އދ. ގެ ގަރާރުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޗައިނާއިން ވަކާލާތު ކުރުމުގެ ސަބަބުން މެދުއިރުމަތީގެ އަރަބި ގައުމުތަކާއި ފަލަސްތީނުގެ ރުހުން ޗައިނާއަށް ލިބުން ގާތެވެ. ނަމަވެސް އިޒްރޭލަށް ފައިދާވާހާ ގޮތަކަށް ކަންކަން ފަހި ކޮށްދޭން އެމެރިކާ އޮތުމުގެ ސަބަބުން އިޒްރޭލުން ޗައިނާގެ މި ގޮވާލުމަށް އިޖާބަ ދިނުން ދުރެވެ.

މިހާތަނަށް ދުނިޔޭގެ ސިޔާސީ މައްސަލަ ތަކުގެ ތެރެއަށް ނުވަދެ އޮތް ޗައިނާއިން އިޒުރޭލާއި ފަލަސްތީނުގެ މައްސަލަ ހައްލު ކުރަން އެހީތެރިވުމަށް އަތްދިއްކުރިއިރު ޗައިނާއަކީ މިވަގުތު ދުނިޔޭގެ އިގުތިސާދީ ގޮތުންނާއި ބާރުގެ ގޮތުން ވެސް ބޮޑު ބާރެކެވެ. އޭގެ އިތުރުން މިވަގުތު އދ. ގެ ސަލާމަތީ މަޖިލީހުގެ ޗެއާ ވެސް މެ އެވެ. މިހުރިހާ ހައިސިއަޔަތަކާއެކު ވެސް ޗައިނާއިން ފަށާފައިވާ މަސައްކަތަށް ލިބޭނީ ކިހާ ވަރެއްގެ ކުރިއެރުމެއްކަން އެނގޭނީ ދުވަސްތަކެއް ފަހުންނެވެ.