ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ލިބުނުކަމަށް ބުނާ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާއެއް ކޮށްފިނަމަމަގާމުގައި ނުހުންނަވާނެ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ބަޔަކު އެކުލަވާލި ލިސްޓެއްގައި ނަން އޮތުމަކީ ކުށްވެރިވުމެއް ނޫން ކަމަށާއި، ނަމަވެސް އެކަމުގައި އޭނާގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ މަގާމުގައި އެންމެ ދުވަހަކު ވެސް ނުހުންނާނެ ކަމަށެވެ.
މަހްލޫފްގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފް ޗެކުގެ މައްސަލާގައި 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާ ސަސްޕެންޑު ކުރެއްވިކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ، އަލުން މަސްއޫލިއްޔަތުތަކާ ހަވާލުވީ އެކަމުގައި ތަހުގީގީ އިދާރާތަކުން އޭނާގެ މައްސަލައެއް ނެތް ކަމަށް ނިންމުމާއެކު ކަމަށެވެ.
މީގެ އިތުރުން މައްސަލައާ ސީދާ ގުޅުމެއް ނެތް އެތައް ބައެއްގެ ވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަން އޮތުމަކީ އެކަމުގައި ބައިވެރިވުން ނޫން ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުން މަޖިލީހުން އާންމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި މިނިސްޓަރު މަހްލޫފު ހިމެނެ އެވެ. މީގެ ކުރިން މިމައްސަލާގައި މަހްލޫފު ވަނީ މިނިސްޓަރުގެ މަގާމުން ސަސްޕެންޑްކޮށްފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭރު އެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް ނިންމުމާއެކު ރައީސް ސޯލިހު ވަނީ އަލުން އަނބުރާ މަގާމުގެ މަސްއޫލިއްޔަތު މަހްލޫފާއި ހަވާލުކުރައްވާފަ އެވެ.
މީގެކުރިން ހާމަވެފައިވާ ގޮތުގައި މަހްލޫފްގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެ އެވެ. އެހެން ނަމަވެސް އެއީ ޑޮލަރުގެ މުއާމަލާތެއްގައި ފައިސާކަމަށް މަހްލޫފް ވިދާޅުވެފައިވެ އެވެ. އަދި އާއިލީ ވިޔަފާރިއަށް ޑޮލަރު ގަތުމަށް އެސްއޯއެފްއަށް ފައިސާ ޖަމާކުރި ސްލިޕްތައް ވެސް މަހްލޫފް އާންމުކުރައްވާފައިވެ އެވެ.
ފޮނުވާނެ