ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހަކު މާލެ އިން ފުލުހުން ހައްޔަރުކޮށްފި އެވެ.

މިރޭގެ ވަގުތެއްގައި ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ސަލާމަތީ ބާރުތަކުން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ގެންދަނީ ހަރުކަށި ފިކުރާއި ދެކޮޅަށް އޮޕަރޭޝަންތައް ހިންގަމުންނެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން ހަރުކަށި ފިކުރު ފަތުރާ ހަތް މީހަކު ފުލުހަން ވަނީ ހައްޔަރުކޮށްފަ އެވެ. މާލެއިން މިރޭ ހައްޔަރުކުރީ އެ އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި އަށް ވަނަ މީހާ އެވެ. މިއަދުގެ ވަގުތެއްގައި ސިފައިން ވަނީ ރައްޔިތުން މަޖިލީހުގެ ސެކިއުރެޓީ ވެސް ހައިކޮށްފަ އެވެ. އެއީ އެ އިމާރާތް ގޮށްވާލާނެކަމަށް ބުނެ މީހަކު ފޭސްބުކުގައި ކޮމެންޓެއް ކުރުމުންނެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އެލާޓް ލެވަލް ވަނީ މަތިކޮށްފަ އެވެ.