ރޭ މާލެއިން ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި، އަބްދުﷲ އަލީމަނިކަށް، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ފަދަ ޓެރަރިސްޓް ހަމަލާއެއް ރާވާކަމުގެ ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ފުލުހުން އަލީ މަނިކު ހައްޔަރުކުރީ ވަރަށް ފުޅާ ގޮތެއްގައި ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގަ އެވެ. މިއަދު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

މިއަދި އަލީ މަނިކު ކޯޓަށް ހާޒިރު ކުރުމުން، އޭނާ ވަނީ ފުލުހުން ކުރާ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ. ނަމަވެސް އޭނާ ބަންދު ކުރީ އެކަށީގެންވާ ވަރަށް ފުލުހުން ހެކި ހުށަހަޅާފައި ވާތީ އެވެ.

އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތަކުގެ ގޮތުގައި ފުލުހުން ވަނީ ހަތް ކަމެއް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި މުޖުތަމައުަށް ބޮޑު ގެއްލުމެއް ލިބޭނެ ފަދަ ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއް ދޭން ރާވާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުން ހިމެނެ އެވެ. އަދި ދީނުގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ތެރެއިން އެންމެ އިސް ފަރާތްތަކުގެ ތެރޭގައި އޭނާ ހިމެނޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާކަން ފުލުހުން ފާހަގަކުރި އެވެ.

މީގެ އިތުރުން ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް ދީނީ ހައްދުފަހަނައާޅަފައިވާ ފިކުރު ކުރިއރެރުވުމަށާއި އެ ފިކުރަށް ހިތްވަރުދޭ ކްލާސްތައް ބާއްވައި ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތްކުރާ ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާއިރުު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލު ހިންގުމުގައި ގިނަ ބަޔަކު ބައިވެރިވުން އޮތް ކަމަށް ބެލެވޭ ސަބަބުތަށް ފުލުހުން ކޯޓުގައި ކިޔައިދިނެވެ.

ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތަކަށް އަލީ މަނިކު ތާއީދުކުރާ ކަމަށާއި އަދި ބޭރުގެ އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިކުރުވުމަށް، ޖިހާދުކުރުމުގެ ނަމުގައި މީހުން ފޮނުވުމާއި، އެކަމަށް މީހުން ރެކްރޫޓް ކުރުމުގައި އޭނާ އިސްދައުރެއް އަދާކުރާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ދެން ފުލުހުން ފާހަގަކޮށްފައިވާ ކަންކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވަމުންދާކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮތުމާއި، ތުހުމަތު ކުރެވޭ މައްސަލައަކީ މުޖުތަމައުގެ އަމަންއަމާންކަމާއި ގުޅިފައިވާ މައްސަލައަކަށް ވުމުގެ އިތުރުންތުހުމަތު ކުރެވޭ މައްސަލައަކީ މުޖުތަމައަށް ބޮޑެތި ގެއްލުންތަކެއް ލިބޭ މައްސަލައަކަށް ވުން އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ސިފައިން ދަނީ މާލޭ ތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

ނަޝީދުގެ ގެކޮޅު ކައިރީގައި އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާ ވެސް ހަރުކަށި ފިކުރާ ގުޅޭއިރު މިހާތަނަށް ހައްޔަރުކުރި ތިން މީހުންގެ ހަރުކަށި ފިކުރުގެ ވިސްނުންތައް ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އައްޑޫ ސިޓީގައި ވެސް ފުލުހުން އޮޕަރޭޝަނެއް ހިންގައި އައިއެސް ޖަމާއަތާ ގުޅުން އޮތް ހަތް މީހަކު ހައްޔަރުކޮށް ވަނީ ބަންދު ޖަހާފަ އެވެ. އޭގެ ފަހުން ކ. ގުރައިދޫއާ އިންވެގެން އޮންނަ ކުޑަ ފަޅު ރަށެއް ކަމަށްވާ ޅޮސްފުށި ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފަ އެވެ.