ހައިކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަނުން ފުރުސަތު ހުޅުވާލައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގައިވާގޮތުން ކޯޓުތަކަށް އިސް ފަނޑިޔާރުން ހަމަޖައްސާނީ އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެކަމަށް ކުރިމަތިލާ ފަނޑިޔާރުންނާ އިންޓަވިއުކޮށް އެ ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ.
އެ ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ބޭނުންވަ ފަނޑިޔާރުން ސިޓީއަކުން އެކަން ކޮމިޝަންގެ ރަސްމީ އީމެއިލަށް ފޮނުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އެދިފަ އެވެ.
އެންމެ ފަހުން ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ޝުޖާއު އުސްމާންގެ ސުލޫކީ މައްސަލަތަކެއް ސާބިތުވެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށް އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި އަހްމަދު ހައިލަމް ހުންނަވަނިކޮށް އޭނާގެ ސުލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.