ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައަށް ހައްޔަރުކުރުމަށް ބޭނުންވާ ކޯޓު އަމުރު ހޯދުމަށް ފުލުހުން އިދާރާ އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނަރަލަށް ފެނިއްޖެނަމަ އޭނާ ކަމަށް އެ ގަނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.

އަދި އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެންބަރަކު ހައްޔަރުކޮށްފިނަމަ ހައްޔަރުކުރި ފަރާތުން ލަސްނުކޮށް މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އަންގަންވާނެ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ޕީޖީގައި އީސާ ހައްޔަރުކުރުމުގެ އަމުރަކަށް އެދުނު ނަމަވެސް އެ މައްސަލާގައި ފުލުހުންނާއި ޕީޖީ އޮފީހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މެންބަރު އީސައާއި ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިފައިވާތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ބަޝީރު ވިދާޅުވީ އީސައާ ދެކޮޅަށް ފިޔަވަޅު އެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެއަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި ތަހުގީގު ހިނގަމުންދާ މައްސަލަ އަކަށް ވާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލަ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާ ދިިރިއުޅޭ އިމާރާތުގެ އެހެން ފްލޯއެއްގައި އުޅުނު ބައެކެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވަމުން ގެންދަވާ އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލަ އެވެ. އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމާ އެވެ. މިއީ އީސަގެ ތިންވަނަ ކައިވެންޏެވެ. އަސްރާގެ ފުރަތަމަ ކައިވެންޏެވެ. އެ ދެ މަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ.