އައިޝްވާރިޔާ ރާއީއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ރީތި އަންހެން ތަރި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. 1994 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު ހޯދާފައިވާ އައިޝްވާރިޔާއަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލް ފަންނާނެކެވެ.

އެގޮތުން ހޮލީވުޑްގެ ކޭންސް ފިލްމް ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ސަޕޯޓަރަކު އޭނާއަށް ކައިވެންޏަށް ހުށައަޅާ މަންޒަރު ފެންނަ ވީޑިއޯ އެއް މިވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. ނަމަވެސް ގިނަ މީހުންނަށް މި ވީޑިއޯއިން އަޅައިގަތީ އެ މީހާއަށް އައިޝްވާރިޔާގެ ފިރިމީހާ އަބީޝޭކް ބައްޗަން ދިން ޖަވާބެވެ.

ވީޑިއޯގައި ފެންނަ ގޮތުން އައިޝްވާރިޔާ އަބީޝޭކްއާއެކު ކޭންސްގެ ރެޑް ކާޕެޓްގައި ފޮޓޯއަކަށް ހުއްޓިގެން ހުރިއިރު ސަޕޯޓަރުން އޭނާއަށް ތަރުހީބު ދޭ އަޑު އިވެ އެވެ.

އޭގެތެރެއިން އެއް ސަޕޯޓަރަކު ކަރުދާސްގަނޑެއްގައި ލިޔެގެން އައިޝްވާރިޔާއަށް ކައިވެނި ހުޅައަޅަ އެވެ. އެއާއެކު އަބީޝޭކް ވަނީ އޭގެ ޖަވާބުގައި "ޝީ މެރިޑް މީ" ނުވަތަ "އޭނަ ކައިވެނި ކުރީ މަށާ" ކަމަށް ބުނެފަ އެވެ.

https://www.instagram.com/p/COAlJM-hEPm/?utm_source=ig_embed&utm_campaign=embed_video_watch_again

އަބީޝޭކްގެ މިޖަވާބަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ކޮމެންޓް ކުރަމުންނެވެ.

އެއްބަޔަކު އެއީ "ކިއުޓް" އަދި މަޖާ ޖަވާބެއްގެ ގޮތުގައި ސިފަކުރަމުން ދާއިރު އަނެއްބަޔަކު ވަނީ އެ ޖަވާބުން ވެސް ދައްކައިދެނީ އަބީޝޭކް އައިޝްވާރްޔާ ދެކެވާ ލޯބި ކަމަށް ބުނެފަ އެވެ.

ބޮޑު ހަފްލާއަކާއެކު 2007 ވަނަ އަހަރު ކައިވެނި ކުރި އަބީޝޭކް އާއި އައިޝްވާރްޔާގެ ކައިވެންޏަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ކައިވެނިތަކުގެ ތެރޭގައި ގުނާލެވޭ ކައިވެންޏެކެވެ. އެ ކައިވެންޏަށް 2011 ވަނަ އަހަރު އަންހެން ދަރިއަކު ލިބިފައިވެ އެވެ.