ދުވަސްވީ ސާމްޕަލްތަކާ އެކު މިއަދު ވެސް 1،960 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 1،518 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 431 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 11 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދު 1،960 މީހުން ޕޮޒިޓިވްވެފައިވާއިރު، އިއްޔެ ޕޮޒިޓިވްވީ 1،603 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 54،365 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 22،421 ގައި މިހާރު ހުރިއިރު 31،812 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 294 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 123 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.