މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު ކުޑަކުރުމަށްޓަކައި ދެ ހަފްތާގެ މުއްދަތަށް އެޅި ފިޔަވަޅުން އެއްވެސް ނަތީޖާއެއް ނުފެންނާތީ، ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ސަރުކާރުން ނިންމައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އިތުރަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ލޮކްޑައުން ކުރުން ނުހިމެނޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފިޔަވަޅުތައް އަޅަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އެ ފިޔަވަޅުތަކާ ގުޅޭގޮތުން މިހާރުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑްގެ އަދަދުތައް މަދުކުރުމަށް މާލެ ސަރަހައްދުގައި ދެ ހަފްތާގެ މުއްދަތަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކުރުން ހިމެނެ އެވެ. އަދި ކާފިއު ގަޑީގައި ރޭގަނޑު 12:00 އާ ހަމައަށް ފިހާތަރަކުން ޑެލިވަރީގެ ޚިދުމަތް ދެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މީގެއިތުރުން ރެސްޓޯރަންޓުތަކާއި ކެފޭ އަދި ހޮޓާތަކުން ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތްދޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ނަމަވެސް އެ ފިޔަވަޅުތަކާ އެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށެއް ނުވެ އެވެ. ދުވަހެއް ދުވަހަކަށް އަންނަނީ ޕޮޒިޓިވްވާ މީހުންގެ އަދަދަދު އިތުރުވަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑު ޖެހިގެން 100އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ ތަޖުރިބާކުރާ އެންމެ ނުރައްކާތެރި ދުވަސްތަކެކެވެ. މެއި މަހުން ހުސްވި 22 ދުވަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހުރީ އިންތިހާ މަތީގަ އެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ. މެއި މަހުގެ ތެރޭގައި 50 މީހަކު ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި 24،530 މީހަކަށް ބަލިޖެހިފައިވެ އެވެ. މިއީ ދުވާލަކު 1،000 އަށް ވުރެ މަތީ އަދަދެކެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު ހާލުބޮޑުވެ ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. މިވަގުތުވެސް 294 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. 15 މީހަކު އޮތީ އައިސީޔޫގަ އެވެ. ނުވަ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.