ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅަނީ ވަކި ބަޔަކަށް ފިޔަވަޅު އަޅަންކުރާ މަސައްކަތެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކާގުޅޭ ގޮތުން މަޝްވަރާކުރުމަށް ޕާޓީތަކާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ސިޔާސީ ޕާޓީޓަކުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތަކީ ވަކި ބަޔަކު ޕްރެޝަކޮށްގެން ނުވަތަ ވަކި ބަޔަކު އަންގައިގެން ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެއީ ސިޔާސީ ޕާޓީތައް ޒިންމާދާރުކަމާއެކު ހަރަކާތްތެރިވުމަށާއި ޕާޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެގޮތުން އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ކުރާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ޙާލެއްގައި އެއްވެސް ފަރާތަކުން ހީފުޅުކުރައްވައިގެން ނުވާނެ އަޅުގަނޑުމެން މިކަން މިކުރަނީކީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށްޓަކާ ނުވަތަ ވަކި ބަޔަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދިނުމަށްޓަކައިކުރާ މަސައްކަތެއް ކަމަށް. އެއީ އެއްވެސް ހާލެއްގައި ރަނގަޅު ވިސްނުމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިންވެސް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ލިޔުމުން ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް މީގެ ކުރިން ވެސް އެ ކޮމިޝަނުން ފުރުސަތުދީފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަމަލީ ސިފައެއްގައި ކުރުމަށް މިވަގުތު ތަނަސްވެފައި އޮތީމަ ކުރަނީ. އެއްވެސް ބަޔަކު ހީފުޅު ނުކުރައްވާތީ ވަކި ބަޔަށް ފިޔަވަޅު އަޅަން ނުވަތަ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދިނުމަށްޓަކައި ކަމަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ އެ ގާނޫނު ތަންފީޒުކުރެވޭ ފަރާތްތަކަކީ ސިޔާސީ ޕާޓީތައްކަމަށްވާތީ އެ ގާނޫނު އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި ޕާޓީތަކުގެ ހިޔާލާއި މަޝްވަރާ ހޯދުންކަމަށެވެ. އަދި މި އިސްލާޙްތަކަކީ ވަކި ބަޔަކާމެދު ފިޔަވަޅުއަޅާ، ވަކި ޕާޓީއެއްގެ ހަރަކާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އޭނާ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުބާ ކިޔާނެ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާ ޚިޔާލުތައް ރިކޯޑްކޮށް، އިސްލާޙުތައް ފައިނަލްކުރުމުގައި އެކަން ކަމަށް ރިއާޔަތްކުރައްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކާބެހޭ ގާނޫނަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ގެންނަން ފެންނަ ބައެއް އިސްލާހުތަކުގެ ތެރޭގައި ފޯމުތަކުގެ ސައްހައްކަން ސިޔާސީ ޕާޓީތަކުން ކަށަވަރުކުރުމާއި، ޕާޓީތަކުގެ ލީޑަރޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، ސިޔާސީ ޕާޓީތައް ހިންގުމުގައި އިދާރީގޮތުން ހުރި ގޮންޖެހުންތައް ނައްތާލުމާއި ޒިންމާދާރުކަމާއެކު ޕާޓީތަކުގެ ހަރަކާތައް ހިންގުމާއި ގުޅޭ އިސްލާޙުތަކެއް ހިމެނެ އެވެ. އަދި ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ މާލީ އެހީ ބަހާނެގޮތްތަކާއި ޕާޓީތަކުގެ ދަރަންޏަށް ޒިންމާދާރުވުމާއި ޕާޓީތަކުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހެޅުމުގައި އަމަލުކުރަންވީ ގޮތް ވެސް ހިމަނާފައިވެ އެވެ.

އެ އިސްލާހުތަކުގެ ތެރޭގައި އިލެކްޝަންސް އިން އަންގާ ކަންތައްތައް ނުކޮށްފި ނަމަ ޕާޓީ ސަސްޕެންޑްކުރުމާއި ޕާޓީތަކުގެ މަގާމުތަކަށް އިންތިހާބުކުރާ މެމްބަރަކު ޖަލު ހުކުމެއް ތަންފީޒުކުރާ ނަމަ އެ މަގާމު ގެއްލޭ ގޮތަށް ހުށަހަޅާ އިސްލާހެއް ވެސް ހިމެނެ އެވެ.