ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބުކުރުމަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 (އެސްއޭޕީ) އާ ގުޅޭގޮތުން، 25 އޮގަސްޓް 25 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ކުރައްވާފައިވާ މަޝްވަރާތަކަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ އެކި ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރުމާއެކު، މިހާރުގެ ހާލަތައް ރިއާޔަތްކޮށް ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރުކުރައްވާފައިވާ "ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް" އާ ގުޅޭގޮތުން މިއަދު މަޝްވަރާކުރެވުނު ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ހުރިހާ ސެކްޓަރުތަކުން ވެސް ކުރިއަށްއޮތް ދެ އަހަރަށް އިސްކަންދީގެން ކުރާނެ ކަންތައްތައް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކުރިޔަށް އޮތް ދެ އަހަރު އިސްކަންދީގެން ކުރަން ހަމަޖެއްސި ކަންތައްތައް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
އެ އޮފީހުން ބުނީ އެ ބައްދަލުވުމުގައި ސަރުކާރުގެ އޮފީސްތަކުން އެކަންތައްތަކަށް އަމަލުކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމި ކަމަށެވެ.