ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު 143 އަށް އަރައިފި އެވެ.

މިރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭ ފެސިލިޓީން މަރުވީ 66 އަހަރުގެ ފިރިހެނެކެވެ. މިއީ މިރޭ 12:00 ގެ ފަހުން މަރުވި ފުރަތަމަ މީހާ އެވެ. 12:00 ގެ ކުރިން ޖުމްލަ 13 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

އެ 13 މީހުންގެ ތެރެއިން ތިން މީހަކު ފިޔަވައި އެހެން އެންމެން މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީންނެވެ. އަނެއް ތިން މީހުންނަކީ އައިޖީއެމްއެޗް އީރާއަށް ގެންދިޔަ މީހަކާއި ޅ. ހިންނަވަރު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދިޔަ މީހަކާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހެކެވެ.

ކޮވިޑް ޖެހިފައިވާ ގިނަ ބަޔަކަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ވެސް ދަނީ ފަރުވާދެމުންނެވެ.

މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.