ސަރުކާރަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މ. ތާނގީދޮށުގޭ އަލްއަމީރު މުހައްމަދު ނޫރައްދީން އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި ނޫރައްދީނަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ދިގު މުއްދަތެއްގައި، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ކަމަށެވެ.
ނޫރައްދީން މެދުނުކެނޑި 53 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ ޚިދްމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނު ވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފަ އެވެ.
ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 25 ޖުލައި 1954 ގަ އެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ވުޒާރަތުލް އައުގާފުގެ ސެކްރެޓަރީ ކަމާއި، މަހުކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާޚިލިއްޔާއިން ޢައްޔަންކުރި މެންބަރުކަން ހިމެނެ އެވެ. އަދި ވަޒީރުލް އަޢުޡަމް އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ޚާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމުވެސް ފުރުއްވައިފައިވެ އެވެ.
އޭގެ ފަހުން މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަ އޮފް ސްޓޭޓް ފޮ ރިލިޖަސް އެފެއާޒް ކަމުގެ މަގާމު ވެސް އެމަނިކުފާނު ފުރުއްވި އެވެ. މީގެ އިތުރުން، ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައިވެސް ހުންނެވި އެވެ.
އަލްމަރްޙޫމް މުޙައްމަދު ނޫރައްދީނަކީ، ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދިޔަ އެކި ބަދަލުތައް، އެމަނިކުފާނު ވަނީ ވަރަށް ގާތުން ދެކެވަޑައިގެން، ވަރަށްގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވާފައެވެ. އެމަނިކުފާނަކީ، އެވަގުތަކު ދައުލަތް ހިންގަވަން ހުންނެވި ކޮންމެ ވެރިއެއްގެ އަރިހުގައި ޚިދުމަތް ކުރެއްވި ލާމަސީލު ބޭފުޅެކެވެ.
ނޫރައްދީނަށް ނިޝާން އިއްޒުއްދީނުގެ ޝަރަފުގެ އިއްޒަތް ދައުލަތުން އަރުވައިފައިވަނީ 26 ޖުލައި 2011 ގަ އެވެ. އަދި ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާ ވެސް އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފަ އެވެ.
މުޙައްމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 89 އަހަރެވެ. މުހައްމަދު ނޫރައްދީނަކީ ރާއްޖޭގެ ރަސްކަން ކުރެއްވި އައްސުލްތާން ޙަސަން ނޫރައްދީނުގެ ދަރިކަލެކެވެ.