ކޮވިޑް-19ގެ ބިރުވެރިކަމާއި، ހިތްދަތިކަމުގެ މަންޒަރުތައް އަދިވެސް ހިތްތަކަކުން ފިލައިގެނެއް ނުދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ.ގެ 75 ވަނަ ޢާއްމު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު މިއަދު ވިދާޅުވީ ވަގުތީ އެނދު ތަކެއްގައި ޑަކުޓަރުންނާއި ނަރުހުން، ބަލިމީހުންނަށް ފަރުވާދޭ މަންޒަރާއި ގާތްތިމާގެ މީހުންގެ މޫނު ބަލާލަން ފުރުޞަތު ނުލިބި ވަޅުލެވިގެންދިޔަ މަންޒަރާއި ހުސް މަގުތަކާއި މަދަރުސާތަކާއި ވައިގެ ބަނދަރުތަކަށް ވެރިވެފައިވި ފަޅުކަމާއި ހަމަހިމޭންކަމުގެ މަންޒަރުތައް އަޅުގަނޑުމެންގެ ސިކުނޑީގައި އަދިވެސް ސިފަވަމުން އެބަދާ ކަމަށެވެ.

"ދުނިޔޭގެ ފަހުގެ ތާރީޚެއްގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާއާއި މުޅި ދުނިޔެ މިއަދު ކުރިމަތިލަމުންދާއިރު، 'އަޅުގަނޑުމެން ބޭނުންވާ ފަހި މުސްތަޤްބަލު، އަޅުގަނޑުމެން ބޭނުންވާ އދ.' އަދި 'ހުރިހާ ގައުމެއް ގުޅިގެން މަލްޓިލެޓްރަލިޒްމްއަށް އަޅުގަނޑުމެން ކުރާ ތާއީދު އިއާދަކުރުން' މިވަނީ ފާއިދާ ކުރަނިވި ކަމަކަށްވުމުގެ އިތުރުން ބޮޑަށް ޒަރޫރީ ބޭނުމަކަށް ވެސްވެފައި،" ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ބިރުވެރިކަމާއި ހިތްދަތިކަމުގެ މަންޒަރުތައް އަދިވެސް ހިތްތަކަކުން ފިލައިގެނެއް ނުދާ ކަމަށާއި ވަގުތީ އެނދު ތަކެއްގައި ޑަކުޓަރުންނާއި ނަރުހުން ބަލިމީހުންނަށް ފަރުވާދޭ މަންޒަރާއި ގާތްތިމާގެ މީހުންގެ މޫނު ބަލާލަން ފުރުސަތު ނުލިބި ވަޅުލެވިގެންދިޔަ މަންޒަރާއި ހުސް މަގުތަކާއި މަދަރުސާތަކާއި ވައިގެ ބަނދަރުތަކަށް ވެރިވެފައިވި ފަޅުކަމާއި ހަމަހިމޭންކަމުގެ މަންޒަރުތައް އަޅުގަނޑުމެންގެ ސިކުނޑީގައި އަދިވެސް ސިފަވަމުން އެބަދާ ކަމަށެވެ.

"ތިޔާގިކަމާއެކު ތަރައްގީގެ ކުރިބޯށިތަކުގައި ހިފަމުންއައި ދިވެހިރާއްޖެ މިވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައި. ރަޢްޖޭގެ ރީތިކަން ބަލާލުމަށް ޒިޔާރަތްކުރަމުންދިޔަ ފަތުރުވެރީން އައުން ހުއްޓުމުގެ ސަބަބުން، ލިބޭ އާމްދަނީ މަދުވެ، ދަރަނީގެ އަދަދު އިތުރުވާންފެށި. އަދި، ފާއިތުވި ދިހަ އަހަރުދުވަހުގެ ތެރޭގައި، އެންމެ ފުރަތަމަ ފަހަރަށް، ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދިޔަ މިންވަރު ދަށްވާނެ ކަމަށް ލަފާކުރެވުނު،" ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރަށް އެންމެ މުހިއްމު ކަމަކަށްވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ސިއްހަތަށާއި ދުޅަހެޔޮކަމަށް ކުރާ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުން ކަމަށެވެ. މިގޮތުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު ގާއިމްކުރައްވައި، ކޮމިޓީގެ ބައްދަލުވުންތައް އެ މަނިކުފާނު އިސްވެ ހުންނަވައިގެން އަމިއްލަފުޅަށް ބައްލަވަމުން ގެންދެވި،" މިނިސްޓަރު ވިދާޅުވި އެވެ.

"ތިޔާގިކަމާއެކު ތަރައްގީގެ ކުރިބޯށިތަކުގައި ހިފަމުންއައި ދިވެހިރާއްޖެ މިވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައި. ރަޢްޖޭގެ ރީތިކަން ބަލާލުމަށް ޒިޔާރަތްކުރަމުންދިޔަ ފަތުރުވެރީން އައުން ހުއްޓުމުގެ ސަބަބުން، ލިބޭ އާމްދަނީ މަދުވެ، ދަރަނީގެ އަދަދު އިތުރުވާންފެށި. އަދި، ފާއިތުވި ދިހަ އަހަރުދުވަހުގެ ތެރޭގައި، އެންމެ ފުރަތަމަ ފަހަރަށް، ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދިޔަ މިންވަރު ދަށްވާނެ ކަމަށް ލަފާކުރެވުނު،"
ޝާހިދު

ޝާހިދު ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރެވޭ މިންވަރު އިތުރުކޮށް، މި ބައްޔަށް ފަރުވާދޭނެ ޚާއްސަ މަރުކަޒުތައް ގާއިމުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަމްރީނުވެފައިވާ ސިއްހީ ފަރުވާދޭ ބޭފުޅުން ފޮނުވި ކަމަށެވެ. އަދި ކުރީ ސަފުގައި، ރެއާއި ދުވާލު، ނުހަނު ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުންގެ ހިތްވަރުގަދަކަމާއި ހިވާގިކަމުގެ ނަތީޖާއަކީ، ސިއްހީ ދާއިރާގައި އަޅުގަނޑުމެންގެ ރައްޔިތުންނަށް ދެވެމުން ދިޔަ ޚިދުމަތް، އިތުރަށް ފުރިހަމަވެ، ހަރުދަނާވެގެންދިޔުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެވަނައަށް އެންމެ ބޮޑު މަސްއޫލިއްޔަކަށްވީ، ދިވެހިރާއްޖެއަށް ލިބެމުން ދިޔަ އިގްތިޞާދީ ހީނަރުކަން ފޫބައްދާ، ދިވެހި ގޭބިސީތަކަށާއި ވިޔަފާރިތަކަށް ލިބެމުންދިޔަ ގެއްލުން ކުޑަކުރުން. އާމްދަނީގެ އެހީއާއި ސްޓިމިއުލަސް ޕެކޭޖްތަކާއި ވަގުތީގޮތުން ދަރަނި މައާފްކުރުން، އަދި ޓެކްސް ލުއިކުރުމުގެ ތަފާތު ޕްރޮގްރާމްތައް މިހާރު ވަނީ ތައާރަފްކުރެވިފައި،" ޝާހިދު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން، ލިބިގަންނަންވީ ފިލާވަޅުތައް ވަރަށް ގިނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ނިޒާމުގެތެރޭގައިވާ ތަފާތުތައް މީގެ ކުރިން ނުފެންނަހާ ފާޅުކަންބޮޑު ގޮތެއްގައި ހާމަވެއްޖެ ކަމަށެވެ. މިގޮތުން، ކޮވިޑްގެ އަސަރު އެކި ގައުމުތަކަށް އެކި މިންވަރަށް ކުރުމާއި ޓެކްނޮލޮޖީގެ ރޮނގުން ގައުމުތަކުގެ މެދުގައިވާ ފަރަގު، ދަތުރުފަތުރު ހުއްޓުމަކަށް އައުމުން އިގުތިސާދަށް ލިބުނު ގެއްލުންތަކަކީ، ދުނިޔޭގެ ނާރެހުން ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިޔަސް، މިއަދު ކުރިމަތިލާންޖެހިފައިވާ ހަގީގަތް. ނަމަވެސް، މިއީ ހުރިހާ ގައުމަކަށް އެއްވަރަކަށް ލިބުނު ގެއްލުންތަކެކޭ ދެންނެވޭކަށް ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ ފަދަ، އާމްދަނީގެ 75 އިންސައްތަ، ސިދާގޮތުންނާއި ނުސީދާގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމަކަށް ލިބުނު ގެއްލުން ގުނާ އަދަދު ނުކުރެވޭހާ ބޮޑު. ދެވަނަ ކަމަކަށް، ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދަށް، ދަރަނީގެ ސަބަބުން ލިބޭ ގޮޖެހުންތައް، މި ބަލިމަޑުކަމުގެ ސަބަބުން ވަރަށް ސާފުވެއްޖެ. G20 ގައުމުތަކުން ދަރަނި ނެގުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމެވި ނިންމެވުމަށް، އަޅުގަނޑުމެން ޝުކުރުވެރިވާ ހާލަތުގައި، 31 ޑިސެމްބަރާއި 1 ޖެނުއަރީގެ ތަފާތަކީ އަހަރު ބަދަލުވުން އެކަނި ކަމުގައި ދަންނަވަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާތީ، ޖީ20 ގެ އެ ނިންމުން 2021 ވަނަ އަހަރުގެ ނިމުމާއި ހަމައަށް ފަސްކޮށްދިނުމަށް އެ ގައުމުތަކުގެކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

"މިހެން ނަމަވެސް، ދަރަނި ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަކީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކަށް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ކުޑަ މިންވަރެއް. އަޅުގަނޑުމެންނަށް މިއަދު އެންމެ ބޮޑަށް ބޭނުންޖެހިފައިމިވަނީ ފެންވަރު ރަނގަޅު ބިނާތަކާއި އުސްލޫބީ ބަދަލުތަކާއި ފުޅާ ދާއިރާއެއްގައި ފަސޭހައިން ލިބޭ މާލީ އެހީތެރިކަމަށް. އަދި، އަޅުގަނޑުމެންގެ ޖަޒީރާތަކުގެ ނާޒުކު ކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ފަސޭހަކަމާއެކު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުން އެ މައްސަލަތަކަށް ހައްލުކުރުމަށް ބޭނުންވާ ޚާއްސަ ފިޔަވަޅުތަކެއް ކަނޑައެޅިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ތިންވަނަ ކަމަކަށް ޝާހިދު ވިދާޅުވީ މި ވަބާގެ ސަބަބުން، ފާއިތުވި ދުވަސްތަކުގައި، ބައިނަލްއަގުވާމީ އެއްބައިވަންތަކަމުގެ މުހިއްމުކަން ވަރަށް ބޮޑަށް ހާމަވެގެން ދިޔަ ކަމަށެވެ. އަދި ހެޔޮ އެދޭ ފަރާތްތަކާއި އެކުވެރި ގައުމުތަކުގެ އެހީއާ ނުލާއި މި ވަބާގެ ސަބަބުން ރާއްޖެއަށް ދިމާވި ގޮންޖެހުންތަކުން އަރައި ނުގަނެވުނީސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

" މިއަދު، ކޮވިޑް-19 ރޯގާއަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެންގެ އުންމީދަކީ، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި މި ވެކްސިން ބޭނުންވާ ހުރިހާ ފަރާތްތަކަށް، ވިހާވެސް އަވަހަށް، ހަމަހަމަ ގޮތެއްގައި ވެކްސިން ލިބިގެން ދިއުމުގެ ޔަގީންކަން ކަށަވަރުކޮށްދިނުން. އަދިވެސް އެއްފަހަރު، ކޮވިޑް-19 ގެ ބަލިމަޑުކަމާ ހަނގުރާމަ ކުރަމުންވެސް، މާލީ ގޮތުންނާއި ފަންނީރޮގުން އަދި މީނޫން ގޮތްގޮތުން ދިވެހިރާއްޖެއަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. މިގޮތުން އަވަށްޓެރި އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދެއްވި 250 މިލިއަން ވަކިން ޚާއްސަކޮށް އަޅުގަނޑު ފާހަގަކޮށް، ޝުކުރުއަދާކުރަން. މިއީ މި ބަލިމަޑުކަމުގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު މާލީ އެހީ،" ޝާހިދު ވިދާޅުވި އެވެ.