މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދިނުމަށް ނިންމާފައިވާ ފައިސާ ދިނުމުގައި ލަސްތަކެއް އުޅޭތީ އެކަމާ މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ޝަކުވާކުރަން ފަށައިފި އެވެ.

ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި މަންދު ކޮލެޖު ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރުމުން ބަދަލުގެ ގޮތުން ސަރުކާރުން މަންދު ކޮލެޖަށް ދައުލަތުން ވަނީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި 15 މިލިއަން ދޭން އެއްބަސްވެފަ އެވެ. އަދި އެ އެއްބަސްވުމާއި އެއްގޮތަށް ދެ މަސް ތެރޭގައި އެ ފައިސާ ދައްކަން ކޯޓުން ހުކުމް ކުރި އެވެ.

މިކަމާ ގުޅިގެން އިބްރާ ވިދާޅުވެފައި ވަނީ ބަދަލުގޮތުގައި ލިބެންޖެހޭ ފައިސާ އަދިވެސް ލިބިފައިނުވާ ކަމަށާއި ހުކުމުގައި ވާގޮތުން ބަދަލުގެ ގޮތުން ލިބެންޖެހޭ ފައިސާ މޭ މަހުގެ 18 ގެ ނިޔަލަށް ލިބެންޖެހޭ ކަމަށެވެ. މި ފައިސާ ލިބުމުގައި ލަސްތަކެއް އުޅޭތީ އެކަމާ ހިތްހަނުޖެހުން އިބްރާ ވަނީ ފާޅުކުރައްވާފަ އެވެ.

މަންދު ކޮލެޖު ހިންގަމުން އައި އިމާރާތް ސަރުކާރުން ނަގާފައިވަނީ 2015 ވަނަ އަހަރުގައެވެ. ސަރުކާރުން އޭރު ބުނީ އެތަން އަތުލީ، އެއްބަސްވުމާއި ގުޅޭގޮތުން އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާތީ ކަމަށެވެ.

ފާހަގަކޮށްލެވޭގޮތުގައި މި މައްސަލަތަކުގައި އިބުރާގެ އަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ އިބުރާގެ އަންހެނުންގެ ކޮއްކޮ އަހްމަދު އަބްދުﷲ އަފީފްގެ ލޯ ފާމުންނެވެ. އަދި އޭނާ އަކީ ރައީސް އޮފީހުގައި ބަދަލު ދިނުމާއި ގުޅޭ ގޮތުން ހަދާފައިވާ ކޮމިޓީގެވެސް މެމްބަރެކެވ.

މިކަމާ ގުޅޭ ގޮތުން ކޮޑިޓަރ ޖެނަރަލް ނެރެފައިވާ ރިޕޯޓް ގައިވެސް ބުނެފައިވަނި ސަރުކާރުން ބަދަލު ދިނުމަށް ނިންމާފައިވާ އަދަދަކީ ބޮޑު އަދަދެއް ކަމަށެވެ. އެހެން ނަމަވެސް ބަންޑާރަނައިބް މިކަން ވަނީ ދޮގުކުރައްވާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އިބްރާއަށް ބަދަލު ދޭޖެހޭ ކަމަށާއި ސަރުކާރުން އެގޮތަށް ނިންމާފައިވަނި ރަނގަޅަށް ކަމަށެވެ.