ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ތިން ވަނަ މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ 77 އަހަރުގެ ފިރިހެނެއް މިރޭ 7:21 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެން މިހާތަނަށް މަރުވި 147 ވަނަ މީހާ އެވެ. މިއަދު މި ބަލީގައި އެންމެ ފުރަތަމަ މަރުވީ އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 91 އަހަރުގެ މީހެކެވެ. އެއީ މިއަދު ހެނދުނު 10:20 ގަ އެވެ. އެއަށްފަހު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 61 އަހަރުގެ ފިރިހެނަކު ވަނީ 2:35 ގައި މަރުވެފަ އެވެ.

މި މަހުގެ ތެރޭގައި މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 75 އަށް އަރާފަ އެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ޖުމްލަ 147 މީހަކު މިވަނީ މަރުވެފަ އެވެ.