މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައި ވާތީ އެމްޑަބްލިޔުއެސްސީއިން ފޯރުކޮށްދޭ ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފި އެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ ކޮވިޑް ހާލަތުން އަރައިގަތުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށްޓަކައި އެކުންފުނީގެ މާލެ އަދި ހުޅުމާލެ ކަސްޓަމާ ސާވިސް ކައުންޓަރުތައް ބަންދުވާނެ ކަމަށެވެ. ފެން ބިލު ދެއްކުމައި ފެނުގެ ކަނެކްޝަންނަށް އެދުމުގެ ފުރުސަތު އެމްޑަބްލިޔުއެސްސީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އެދެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި އެމަޖެންސީތަކުގައި އެކުންފުނީގެ ހޮޓްލައިން ނަންބަރު 105 ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުންޏެވެ.
އެމްޑަބްލިޔުއެސްސީން އެޕް މެދުވެރިކޮށް ފެން ބިލު ދެއްކުމާއި ފެން ބިލަށް އަރާވަރު ބަލައި ލުމުގެ ފުރުސަތު ކަސްޓަމަރުނަށް ލިބޭނެ އެވެ. ކޮވިޑް ހާލަތާ ގުޅިގެން ވެސް މިދިޔަ އަހަރު ވެސް ވަނީ އެމްޑަބްލިޔުއެސްސީގެ ހިދުމަތްތައް އޮންލައިންކޮށް ދީފަ އެވެ.
އެމްޑަބްލިޔުއެސްސީން އަންނަނީ ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުން ހދ. ކުޅުދުއްފުށީ އަދި ކ. މާފުށީގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެެމުންނެވެ. މީގެ އިތުރުން ރ. ދުވާފަރުގައި ޔުޓިލިޓީގެ ހުރިހާ ހިދުމަތްތަކެއް ދެމުން އަންނަނީ އެމްޑަބްލިޔުއެސްސީން އެވެ.
އަތް ދޮވުމުގަޔާއި އަދި އެހެނިއެހެން ކަންކަމުގައި ވެސް ފެން ބޭނުންކުރައްވާއިރު ވީހާވެސް ފެން ބޭނުން ކުރުމުގައި ޒިންމާދާރުކަމާއެކު ވީހާވެސް އިސްރާފު ކުޑަވާނެހެން ހުރިހާ ފަރާތްތަކުން ވެސް އަމަލުތައް ބެހެއްޓުމަށް އެމްޑަބްލިޔުއެސްސީން ވަނީ އިލްތިމާސްކޮށްފަ އެވެ.