ކުރީ ސަރުކާރުން ހުޅުމާލޭގެ ފޭސް 2 ގައި ތަރައްގީކުރި ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޮމްޕެނީ (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސީ މިރޭ އާންމުކުރި ނޫސްބަޔާނުގައި ބުނީ އެ ފްލެޓުތަކަށް ޑައުންޕޭމެންޓް ދައްކަން ނުޖެހޭނެ ކަމަށާއި ނަމަވެސް ޑައުންޕޭމެންޓް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށެވެ. ފްލެޓުތަކަށް ފައިސާ ދައްކައި ހަލާސް ކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރަށް ބަހާލައިގެންނެވެ.

މެނޭޖުމެންޓް ފީގެ ގޮތުގައި 1،000 ރުފިޔާ އަދި އިންސްޓޯލްމެންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ފްލެޓަށް ދައްކަން ނިންމާފައިވާއިރު ފްލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ތިން މަހު އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެ އެވެ.

ކުލި ދައްކަން ނުޖެހޭ އެ ތިން މަހަކީ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދޭ ތިން މަހެވެ. އެ ފްލެޓުތައް ދޫކުރާއިރު ބޮކި ފަންކާ ހަރުކޮށްފައި ނުހުންނާނެ އެވެ. މުށި ޖަހައި ކުލަ ލައި ފިކްސްޗާސް އެންޑް ފިޓިންގްސް ހަރު ކުރަން ޖެހޭނީ އެ ފްލެޓު ލިބޭ ފަރާތްތައް އަމިއްލަ އަށެވެ.

މީގެ އިތުރުން ޑައުންޕޭމެންޓް ދައްކަން ބޭނުން ފަރާތްތަކަށް އެ ފުރުސަތުދީ، އެ އަދަދުން ފްލެޓުގެ އަގުގެ ޖުމްލަ އަގު އުނިކޮށް، މަހުކުލި، އެ އަގާ އެއްގޮތަށް ކުޑަ ކުރެވޭނެ އެވެ. އެ ފައިސާ ދައްކާ މުއްދަތު ކުޑަކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތުވެސް އޮންނާނެ އެވެ،

ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ބޯހިޔާ ވަހިކަމުގެ މަޝްރޫއު ކަމަށްވާ ހިޔާ މަޝްރޫއުގެ ދަށުން 6،720 ފްލެޓު ތަރައްގީކޮށްފައިވާއިރު، އެޗްޑީސީ އިން ބުނީ އެ ކުންފުނިން ސަރުކާާއެކު މަސައްކަތް ކުރަނީ ވީހާވެސް ހާމަކަން ބޮޑުކޮށް ހިޔާމަޝްރޫއާ ގުޅުންހުރި ކަންތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

ފްލެޓުތައް ލިބޭ ފަރާތްތަކުގެ ތެރެއިން 5،603 ފްލެޓު ލިބޭ މީހުންގެ ގުރުއަތުލުން މިހާރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ކޮވިޑު ހާލަތު މިހާރަށްވުރެ ރަނގަޅު ވުމުން އެޗްޕީއޭގެ އިތުރު ލަފައާއެކު ބާކީ ތިބި ފަރާތްތަކުގެ ގުރުނެގުންވެސް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.