ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ރާއްޖެއިން މިއަދު ހަތަރު ވަނަ މީހަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 84 އަހަރުގެ ފިރިހެނެކެވެ.

މި މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 80 އަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި މިއީ ރާއްޖެއިން މިހާތަނަށް މި ބަލީގައި މަރުވި 156 ވަނަ މީހާ އެވެ.

ކަންބޮޑުވާންޖެހޭ މިންވަރަށް ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ އެކު ޒަރޫރީ ބޭނުމެއްގައި ނޫނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި މޮނިޓަރިންގެ ހާލަތަށް ގެނެވޭ ކޮންމެ ރަށެއްގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ވެސް ވަނީ ނިންމާފަ އެވެ.

މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ވެރިރަށް މާލޭގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ފުލުހުން ދޭ ޚާއްސަ ފާހަކާ އެކު ނޫނީ ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.