އެމްޑީޕީގެ ރައީސް އަދި ރައްޔިޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މި މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއިން ލިބިވަޑައިގެންނެވި ބޮޑެތި ޒަހަމްތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މިދަނޑިވަޅުގައި، ރައީސް ނަޝީދުގެ ސިކިޔުރިޓީއާ ބެހޭގޮތުން "މިހާރު" ނޫހުން ޕްރޮޕެގެންޑާ ފަތުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ފޮރުވިގެންހުރި ފަރާތަކާ ހަވާލާދީ "މިހާރު" ނޫހުން އެ މަނިކުފާނަށް އިތުރަށް ފުރައްސާރައަކަށް ވާގޮތަށް ޕްރޮޕަގެންޑާ ފަތުރާފައިވާތީ، އެ ޕާޓީން އެކަމާ މެދު އިންތިހާއަށް ކަންބޮޑުވެ، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

ރައީސް ނަޝީދު އަވަހަރާކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ފުރާނަ ސަލާމަތްކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކެއްކޮށް، އަދި މިހާރު ވެސް ގެންދަވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުންނެވެ.

އެ ޓެރަރިޒަމުގެ ހަމަލާ ދިނުމުގައި ފަންޑުކުރި ފަރާތްތަކާއި ނުވަތަ އަޑީގައި ތިބި ފަރާތްތައް ހޯދުމަށްޓަކައި ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ތަހުގީގުކުރާ ގޮތާ މެދު ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑާޝިޕުން ހިތްހަމައެއް ނުޖެހެ އެވެ. ނަމަވެސް ހިތްހަމަނުޖެހޭ ސަބަބެއް ނުދެއްކެ އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ އެ ހަމަލާއަކީ އެމަނިކުފާނުގެ މައިންބަފައިންގެ ގެކޮޅުގައި ދިރިއުޅުއްވާތީ އާއި އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަގޮތުގެ ސަބަބުން ރައްދުވި ހަމަލާއެއްކަމަށް ސިފަކުރުމަށް މަސައްކަތްކޮށް، ފޮރުވިގެންހުރި ފަރާތާ ހަވާލާދީ "މިހާރު" ނޫހުން ޕްރޮޕަގެންޑާ ފަތުރާފައިވާ ކަމަށެވެ.

ރައީސް ނަޝީދަކީ ކްރިޓިކަލް ލެވެލްގެ ރިސްކްއޮތް ފަރާތެއްކަން ސަލާމަތީ ޚިދުމަތްތަކަށް އެނގިފައިވާއިރު، އަދި ގާނޫނުއަސާސީން އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ލާޒިމުކޮށްފައިވާއިރު، އެ މަނިކުފާނު އަވަހާރަކޮށްލުމަށް ޓެރަރިޒަމުގެ ހަމަލާ މަޖީދީމަގުން ރައްދުވުމުން، އެ މަނިކުފާނަށް އެގޮތަށް އިލްޒާމުއެޅުވުމަށް މަސައްކަތްކުރުމަކީ ސިދާ ޕްރޮޕަގެންޑާއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ޓެރަރިޒަމުގެ އެ ޙަމަލާ އަމާޒުވެ، އަނިޔާލިބުނު ފަރާތައް އިލްޒާމުއަޅުވައި މިގޮތަށް ޕްރޮޕަގެންޑާ ފަތުރާފައިވާއިރު، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައާއި، ސިފައިންގެ އެންމެ މަތީ ވެރިޔާކަމުގެ މަގާމުގައި ހުންނަވަނިކޮށް، 7 ފެބްރުއަރީ 2012 ގައި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ވެސް އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިނުވާކަން ކަންބޮޑުވުމާއެކު ހަނދާން އާކޮށްލަމެވެ. އަދި ޖެހިގެން އައި 8 ފެބްރުއަރީ 2012 ގައި ވެސް، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މީހަކަށް ކަށަވަރުކޮށްދޭން ޖެހޭ ސަލާމަތާ ރައްކާތެރިކަން އެމަނިކުފާނަށް ކަށަވަރުކޮށް ނުދީ، ސަލާމަތީ ޚިދުމަތްތަކުން އެމަނިކުފާނު އަނިޔާގެ ތެރެއަށް ދޫކޮށްލާފައިވެ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ "މިހާރު" ނޫހުގައި ލިޔެފައިވާ ސިކިޔުރިޓީގެ މައްސަލަތަކާ ބެހޭ ވާހަކަ ދެއްކުމުގައި ހަވާލާދީފައިވާ ފަރާތަކީ، އެ ނޫހަށް ޔަގީންކުރެވޭ ފަރާތެއްކަން އެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެފަރާތުން "މިހާރު” ނޫހާ ދައްކާފައި ހުރީ ސީދާ ރައީސް ނަޝީދުގެ ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ހައިސިއްޔަތުން ދެއްކި ވާހަކަތަކެއްކަން އަންގައިދިނުމުގެ ގޮތުންކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

"އެހެންކަމުން އެ ވާހަކަ ދައްކާފައިވަނީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ނުވަތަ ސިކިޔުރިޓީ މައްސަލަތަކުގެ މަޢުލޫމާތު ރަސްމީ ޙައިޞިއްޔަތުން ލިބޭ ފަރާތަކުންކަމަށް ގަބޫލުކުރެވެއެވެ،" އެ ބަޔާނުގައިވެ އެވެ.

"މިއީ ވެސް މި ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ހައިސްއްޔަތުން ފޮރުވިގެން ހުރެ ސިކިޔުރިޓީއާ ބެހޭ މައުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއަސް މައްސަލައެއްކަމަށް ދެކެމެވެ. އެހެންކަމުން، ފޮރުވިގެން ހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށްދީ، ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް މިދަނޑިވަޅުގައި ވެސް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ޙައިޞިއްޔަތަކުން އެފަދަ މަޢުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަހުގީގެއް ކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަމެވެ" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.