ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވިކަމަށް ތުހުމަތުކޮށް މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފި އެވެ.

މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިިން ގުޅިގެން ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މިހާރު ގެންދަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންގެ ތެރެއިން މާލެއިން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ ތިން މީހެކެވެ.

ފުލުހުން ހައްޔަރުކުރި އެ އެ ތިން މީހުންގެ ތަހުގީގު އިތުރު 15 ދުވަހުގެ ބަންދެއްގައި ބައިތިއްބައިގެން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުއްދަ ދީފަ އެވެ. އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާއެއް ރާވަމުންދާ ކަމަށާއި އެ ކަމުގައި އެ މީހުންގެ ބައިވެރިވުން އޮތުން ހިމެނެ އެވެ.

މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމާއި ޖިހާދުގެ ނަމުގައި ހަނގުރާމައަށް މީހުން ފޮނުވުމާއި ވަކިިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ދީނީ ހަރުކަށި ފިކުރު ފަތުރާ ކްލާސްތަކެއް ހިންގުން ފަދަ ތުހުމަތުތައް ވެސް އެ މީހުންގެ މައްޗަށް ކުރެ އެވެ

ނަޝީދަށް އަމާޒުކުރި ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދު މުއްދަތު ވެސް މީގެ ކުރިން ވަނީ އިތުރުކޮށްފަ އެވެ.