ގެދޮރު އިމާރާތްކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް އިންޑިއާގެ ކުންފުންޏަކަށް ހުޅުމާލޭގައި ފްލެޓް އަޅަން ސަރުކާރުން ހަވާލުކޮށްފި އެވެ.
މީގެ ކުރިން ގެދޮރު އިމާރާތްކުރުމުގެ އެއްވެސް ޕްރޮޖެކްޓެއް ހިންގާފައި ނެތް އެ ކުންފުންޏަށް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަަޝްރޫއުގެ ދަށުން 140 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ހަވާލުކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކުރީގެ ސަރުކާރުން ޗައިނާގެ އިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ހިމެނޭ 7،000 ފްލެޓް އަޅާ ނިންމީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތިން އަހަރުގެ ތެރޭގައި ނިންމަން 2،000 ސޯޝަލް ހައުސިން ޔުނިޓް ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރުމަށް ހަވާލުކޮށްފައިވާ އަޝޯކާ ބިލްޑްކޮން ލިމިޓެޑަކީ ހައިވޭ އާއި ބްރިޖް ތަރައްގީކުރުމުގެ އިތުރުން ޕަވާ ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝަންގެ މަސައްކަތްތައް ކުރަމުން އަންނަ ކުންފުންޏެކެވެ.
މި މަޝްރޫއުގެދަށުން 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 ޔުނިޓް އަދި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަވާލުކޮށްފަ އެވެ. 140 މިލިއަން އެމެރިކާ ޑޮލަރުގެ މިމަޝްރޫއު ކުރިޔަށްގެންދިއުމަށް ރޭވިފައި ވަނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ.