ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ތުހުމަތުކޮށް އައްޑޫން ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ދޫކޮށްލައިފި އެވެ.

މިމަހުގެ 15 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ތުހުމަތުކޮށް ނުވަ މީހަކު ވަނީ އައްޑޫއިން ހައްޔަރުކޮށްފަ އެެވެ. ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެކަކު މީގެ ކުރިންވެސް ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ، ޓެރަރިޒަމާ ދެކޮޅަށް އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށް ބަންދުގައި ތިބި 8 މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ މީހުން ކޯޓުންް ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުން ދޫކޮށްލި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ދާނެ އެވެ. އެހެން ކަމުން ފުލުހުންގެ ބަންދުގައި ތިބީ ތިން މީހެކެވެ.

ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ އަށް ފަހު މުޅި ރާއްޖޭގެ ސެކިއުރިޓީ ލެވަލް އެންމެ މައްޗަށް ޖައްސައި ފުލުހުންނާއި ސިފައިން ވަނީ ޖޮއިންޓް އޮޕަރޭޝަންތަކެއް ޓެރަރިޒަމާ ދެކޮޅަށް ފަށައިފަ އެެވެ.