ފްލެޓް ލިބޭނެ ކަމަށް އޮޅުވާލައިގެން އެތައް މިލިއަން ރުފިޔާއެއް ހޯދި، ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑްހައުސް، އަހްމަދު މޫސާ (އަންމަޓީ) ގެ މައްޗަށް ދައުލަތުން 42 ދައުވާއެއް އުފުލައިފި އެވެ.

އަންމަޓީއަކީ ހުޅުމާލޭގައި ފްލެޓްތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ ނެގުމަށް ފަހު ފިލައިގެން ސްރިލަންކާގައި އުޅުނު މީހެކެވެ. އޭނާ ހޯދަން ފުލުހުން ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު މިއަދު ވިދާޅުވީ އަންމަޓީގެ މައްޗަށް ހިޔާނާތްތެރި ވުމުގެ ކުށުގެ 42 ދައުވާއެއް އުފުލާ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ދައުވާތައް އަންމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ ކަމަށް ބެލެވެ އެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެދް އާއި ހުޅުމާލެ ހިންގާ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފާ ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން އައްމަޓީގެ މައްޗަށް ތުހުމަތުކުރެ އެވެ.

އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެނު އިރުވެސް އޭނާ ފިލައިގެން އުޅުނޫ ސްރީލަންކާގަ އެވެ. އެ ގައުމުން އޭނާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެކަމަކު ދިވެހި ފުލުހުން ލަންކާ އަށް ގޮސް އޭނާ ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާ ރާއްޖެ ގެނައި ގޮތަށް އަދިވެސް ހުރީ ބަންދުގައި ބަހައްޓާފަ އެވެ. ސީލައިފުން ވަނީ 3،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ބުނެ 280 މީހަކު އަތުން ފައިސާ ނަގާފައިވެ އެވެ. ކޮންމެ މީހެއްގެ އަތުން ބުކިން ފީގެ ގޮތުގައި އެކަނިވެސް 50،000 ރުފިޔާ ނަގާފައިވެ އެވެ.

އެ ފްލެޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ބައެއް މީހުން ދައްކާފައިވާއިރު ބައެއް މީހުން ވަނީ ފްލެޓްގެ ޖުމްލަ އަދަދު ވެސް ދައްކާފަ އެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފާ ދެކޮޅަށް ކޯޓުގައި ދައުވާ ވެސް ކޮށްފައިވެ އެވެ.

އަންމަޓީ ހައްޔަރުކުރި އިރު ސީ ލައިފުން ފްލެޓް ހޯދަން ފައިސާ ދެއްކި މީހުންނަށް އެޗްޑީސީން އެ ފައިސާ ދީފައިވެ އެވެ. ފައިސާ އެޗްޑީސީން ދިނީ ސީލައިފާ އެކު ސަރުކާރުން ކޯޓުން ބޭރުގައި ސެޓެލްމަންޓް އެއްބަސްވުމެއް ހެދުމަށްފަހު އެވެ.