މާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމް ގާއިމް ކުރަން އެކަށީގެންވާ ވަރަށް ފައިސާ ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ނިޒާމް ގާއިމް ކުރަން ފައިސާ ހޯދަން ކުރި މަސައްކަތުން މި އަހަރުގެ ބަޖެޓުގައި އެކަމަށް 16 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިދިން ކަމަށެވެ. ނަމަވެސް އެ ފައިސާ އަކީ އެ ނިޒާމް ގާއިމް ކުރަން އެކަށީގެންވާ އަދަދެއް ކަމުގައިނުވާތީ އެކަން ނުކުރެވިފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ޓްރާންސްޕޯޓް ސިސްޓަމެއް ހަމަޖައްސާއިރު ދެ ބަސް ނުވަތަ ތިން ބަސް ގެނެސްގެން އެ ހިދުމަތް ނުފެށޭނެތީ އެކަން ނުވާނެތީ ބަޖެޓް ބަހައްޓައިގެން މިއުޅެނީ،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި މާލެއަށް މިނީ ބަހުގެ ޚިދުމަތް ތައާރަފް ކުރެވޭނެ ކަމަށެވެ. ނަމަވެސް އަހަރު ނިމުނުއިރުވެސް އެކަން ކުރެވިފައެއް ނުވެ އެވެ.

މިކަންކަން މިހެން ހުރިއިރު، މީގެކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިނިސްޓަރު ނަހުލާ އަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ، އެމަނާއަށް ތައުރީފުގެ ބަސްތަކެއް ރައްދު ކުރައްވާފަ އެވެ.