އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފު އިބާރާތުން ގާނޫނުގައި ބަޔާންކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ބިލެއް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެފަދަ ބިލެއް ހުށަހަޅަން ނިންމީ ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައަޅަން ހުށަހެޅި އިސްލާހާ ގުޅިގެން ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

އެ އޮފީހުން ބުނިގޮތުގައި ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލުކުރުމެވެ.

އަދި، އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެގޮތުން، މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުރީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ އަމަލުން، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާންކުރުމަށް އެ ބިލްގެ ޑްރާފްޓްގައި ލިޔެފައިވެ އެވެ.

މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހެޅުއްވުމާ ގުޅިގެން ދީނީ އިލްމުވެރިންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ.