ދުވަސްވީ ސާމްޕަލްތަކާއެކު، އިތުރު 768 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 373 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 357 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 15 މީހަކު އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކުން 15 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 65،164 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 24،035 ގައި މިހާރު ހުރިއިރު 40،951 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 208 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 169 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ފުލުހުން ދޭ ހުއްދައެއްގެ ދަށުން ނޫނީ މާލޭގައި ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.