ކޮވިޑް ބަލީގައި 10 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ މިރޭ 12:10 ހާއިރު އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔުމުން ބެލުމަށްފަހު ޑޮކްޓަރުން ވަނީ މަރުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ކުއްޖާގެ ކޮވިޑް ޓެސްޓް ވަނީ ޕޮޒިޓިވްވެފަ އެވެ.

މަރުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. މިއީ މިބަލީގައި މިހާތަނަށް ރާއްޖޭގައި މަރުވި އެންމެ ހަނގު ކުއްޖާ އެވެ.

އަދި މިއީ މި މަހުގެ މިހާތަނަށް މި ބަލީގައި މަރުވި ނުވަ ވަނަ ފަރާތެވެ. އަދި ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވި 170 ވަނަ ފަރާތެވެ.

އެޗްޕީއޭ އިން ބުނީ މިދިޔަ މަހުގެ ތެރޭގައި އަލަށް އުފަންވި ކުދިންނާއި އެއް އަހަރު ނުވާ ތުއްތު ކުދިންގެ ތެރެއިން ޖުމްލަ 400 ކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.