ދުވަސްވީ ސާމްޕަލްތަކާއެކު، އިތުރު 704 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 407 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 271 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 18 މީހަކު އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކުން އަށް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 65،868 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 23،909 ގައި މިހާރު ހުރިއިރު 41،779 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 197 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 171 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ފުލުހުން ދޭ ހުއްދައެއްގެ ދަށުން ނޫނީ މާލޭގައި ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.